ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާބެހޭ ކޮމިޓީން އަންނަ އާދީއްތަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ. މި އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ މާރިޗު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރައީސް އޮފީހުން މިކަން އިއުލާން ކުރައްވަމުން ވިދާޅުވެފައިވަނީ، މިއަހަރު އިނާމަށް ނަން ހުށަހެޅޭނީ ހަމައެކަނި ރައީސް އޮފީހުގެ “ފޯމު ހުށަހެޅުން” ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިޚްލާސްތެރިކަމާއެކު މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް ދެވޭ ޝަރަފުވެރި އިނާމެކެވެ. މި އިނާމު ދެވެނީ އެ މުވައްޒަފުން އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
މި އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. މިއީ ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ.

