ސްޓެމް ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އައު ހިތްވަރަކާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރެވޭ ބައިނަލްއަޤްވާމީ “އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް” ގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ސައިންސްގެ ދާއިރާއިން އަންހެނުންނާއި އަންހެން ކުދިން ކޮށްފައިވާ މުހިންމު މަސައްކަތްތައް ފާހަގަކޮށް، އެކުދިންގެ ބައިވެރިވުމާއި ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ބާރުއެޅުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖުގައި، ސައިންސްގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވައި، އައު ޓެކްނޮލޮޖީތަކާއެކު އަންނަ ވަޒީފާގެ ފުރުޞަތުތަކުގައި އަންހެނުންގެ ބައިވެރިވުން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެ އިތުރުން، ސްކޮލަރޝިޕްތަކާއި ސްޓޫޑެންޓް ލޯން ސްކީމްތަކުގެ ސަބަބުން ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް (ސްޓެމް) ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ދާޅުވީ، ވޮކޭޝަނަލް ލެބްތަކާއި ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް މެދުވެރިކޮށް އަންހެނުންނަށް ތަޢުލީމާއި މަސައްކަތް އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ދިވެހިރާއްޖޭގެ އަމާޒެއް ކަމަށެވެ. އަދި 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ކުރިއަރާފައިވާ ޤައުމަކަށް ހެދުމުގައި އަންހެނުންގެ ދައުރު މުހިންމުކަން ފާހަގަކުރެއްވިއެވެ.
ނިންމާލަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިއަދަކީ ސައިންސްގެ ދާއިރާގައި އަންހެނުންގެ މަސައްކަތަށް އިޙްތިރާމްކޮށް، އަންހެނުން ބާރުވެރިކުރުވުމަށް އަޒުމް ކަނޑައަޅާ ދުވަހެއްގެ ގޮތުގައި ފާހަގަކުރަންޖެހޭ ކަމަށެވެ. މި މުނާސަބަތުގައި ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ “އެކްސް” އެކައުންޓުގައިވެސް ޕޯސްޓެއް ހިއްސާކުރައްވާފައެވެ.

