ތ. އަތޮޅު ވިލުފުށީ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ބުނާ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ދަންވަރު 12:05 ހާއިރު އެރަށު ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެއްޗެހިތަކެއް އަޅާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތަޙުޤީޤު ފަށައި، ހެކި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. އަދި މިފަދަ ކަންކަމަކީ ޤާނޫނީ ގޮތުން މަނާ ކަންކަން ކަމަށްވާތީ، މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މިފަދަ މައްސަލަތަކުގައި އެކަށީގެންވާ ހެކި ލިބިއްޖެނަމަ، އެފަދަ ޢަމަލު ހިންގި ފަރާތްތަކަށް ޖަލު ޙުކުމް ކުރެވިދާނެއެވެ.

