ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފުން އެކި ދާއިރާތަކުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއެކު މިއަދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އެވެ. އަދި ސިވެކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކާނަލް އަޙުމަދު ޒުބައިރެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވި ގޮތުގައި، ފާއިތުވި ދުވަސްތަކުގައި ސްޓެލްކޯގެ މުވައްޒަފުން ވަނީ އެކި ބާވަތުގެ ރެސްކިއު އޮޕަރޭޝަންތަކުގައި ބައިވެރިވެފައެވެ. މީގެ ތެރޭގައި މޫދަށް ވެއްޓުނު މީހުން ސަލާމަތްކުރުމާއި، ކުންފުނީގެ ޕްރޮޕަޓީތަކަށް ވަންނަން މަސައްކަތްކުރި ފަރާތްތަކާ ކުރިމަތިލުން ހިމެނެއެވެ.
"އަޅުގަނޑުމެން ބަލާލިއިރު މި ކަންކަމުގައި އިސްނެގި މުވައްޒަފުންނަކީ އެމްއެންޑީއެފްގެ ބޭކަލުން ކުރިއަށް ގެންދެވި ލީޑަރޝިޕް ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ މުވައްޒަފުންކަން ފާހަގަކުރެވުނު،" ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ އެމްޑީ ފަހްމީ
ސްޓެލްކޯގެ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ ޙުސައިން ފަރުހާދު ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ އިޚްލާސްތެރި، ވަފާތެރި އަދި ހިތްވަރާއެކު މަސައްކަތްކުރާ މުވައްޒަފުންތަކެއް އުފެއްދުމެވެ. އަދި މި މުވައްޒަފުންގެ އެހީގައި ކުންފުނީގެ ލަނޑުދަނޑިތައް ހާސިލުކުރާނެ ވަރުގަދަ ޓީމެއް އުފެއްދުމެވެ.
އެމްއެންޑީއެފްގެ އެހީގައި މިހާރު ކުރިއަށްދާ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް، ސްޓެލްކޯގެ 668 މުވައްޒަފުން މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ކުންފުނީގެ ހުރިހާ މުވައްޒަފުން މި ޕްރޮގްރާމް ފުރިހަމަ ކުރުމެވެ.
މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ސިވެކްގެ އެހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް އިތުރު ތަމްރީނު ހިންގުމަށް އެއްބަސްވެވުނު ދާއިރާތައް:
• ބޭސިކް ފަސްޓް އެއިޑް
• ފަޔަރ އެވެއާނެސް
• އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް
• ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިންގ
• ސުވިމިންގް އެންޑް ރެސްކިއު
• ލައިފް ކޯޗިންގ
މީގެ އިތުރުން ފަޔަރ އެވެކުއޭޝަން ޑްރިލް ބޭއްވުމަށް އެހީވުމާއި އިންޖީނުގެތަކުގައި ޤާއިމްކޮށްފައިވާ އަލިފާން ނިއްވާ ނިޒާމު ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުންވެސް އެއްބަސްވުމުގައި ހިމެނިފައިވެއެވެ.
މި ޕްރޮގްރާމްތަކުގެ ސަބަބުން މުވައްޒަފުންގެ މަސައްކަތުގެ މާހައުލަށާއި، އަމިއްލަ އާއިލީ ދިރިއުޅުމަށް އަދި ޤައުމަށް ޚިދުމަތްކުރުމަށް ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

