ހޫނު މޫސުމާ ދިމާކޮށް، ހަކަތަ އިޤްތިޞާދުކުރުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ޚާއްޞަ ކެމްޕޭނެއް ސްޓެލްކޯ އިން ފަށަން ނިންމައިފިއެވެ.
މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ހަކަތަ އިޤްތިޞާދުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ މަޢުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.
ކޮންމެ އަހަރެއްގެވެސް ހޫނު މޫސުމުގައި ކަރަންޓުގެ ބޭނުން އިތުރުވެ، ކަރަންޓުގެ ޚަރަދު ބޮޑުވަމުންދާތީ، މި ދަނޑިވަޅުގައި ހަކަތަ އިޤްތިޞާދުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ މަޢުލޫމާތު އާންމުންނާ ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.
މި ކެމްޕޭނުގެ ދަށުން ހަކަތަ އިޤްތިޞާދުކުރުމަށް އެޅިދާނެ އަމަލީ ފިޔަވަޅުތަކާއި، އޭގެ ސަބަބުން ލިބޭނެ ފައިދާތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މިކަމަށްޓަކައި ހިންގާ ކެމްޕޭނުގެ ތެރެއިން ޞައްޙަ މަޢުލޫމާތު ޢާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގައި މީޑިއާ ތަކުގެ އެހީތެރިކަމަށް ސްޓެލްކޯ އިން ަވަނީ އެދިފައެވެ. އަދި މި ކެމްޕޭނުގައި ހިމެނޭ މަޢުލޫމާތުތަކަކީ ޓެކްނިކަލް މަޢުލޫމާތު ކަމަށްވާތީ، ކެމްޕޭނު ނިމެންދެން ކޮންމެ މީޑިއާއަކުންވެސް އެއް ނޫސްވެރިއަކު މި މަސައްކަތުގައި ޚާއްޞަވެ ހަރަކާތްތެރިވުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމުގައި ވެސް ސްޓެލްކޯ އިން ހާމަކުރިއެވެ.
އަދި މި ކެމްޕޭނު ފެށުމުގެ ކުރިން ނޫސްވެރިންނަށް އަމާޒުކޮށްގެން ބާއްވާ ޚާއްޞަ މަޢުލޫމާތު ދިނުމުގެ ސެޝަނެއް 12 ފެބްރުއަރީ 2025 ވާ ބުދަ ދުވަހުގެ (މާދަމާ) ހެނދުނު 9:00 ގައި ސްޓެލްކޯފެ ކުންފުނީގެ ފަސްވަނަ ފަންގިފިލާގެ ޓްރެއިނިންގ ރޫމްގައި އޮންނާނެ ވާހަކަ ސްޓެލްކޯ އިން ހިއްސާކޮށްފައިވެއެވެ.
“ވީމާ، މި ސެޝަނަށް މީޑިއާތަކުގެ ފަރާތުން މި ކެމްޕޭނު ކަވަރުކުރާނެ ނޫސްވެރިޔަކު ފޮނުއްވައިދެއްވުން އެދެން” ސްޓެލްކޯ އިން އިތުރަށް ބުންޏެވެ.
އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ މި މަސައްކަތްތަކުގެ ސަބަބުން، ހަކަތައިގެ ބޭނުން ހެޔޮގޮތުގައި ކުރުމަށް އާންމުން އަހުލުވެރިވެ، ކަރަންޓުގެ ޚަރަދު ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ.

