މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މެޒޯ މުހައްމަދު ނިޔާވީ އުމުރުފުޅުން 59 އަހަރުގައި، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "إِِنَّا لِلَّٰهِ وَإِنَّـا إِلَيْهِ رَاجِعُوْنَ، ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައި، އަދި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައި ވެސް މަޤްބޫލު ހުނަރުވެރިކަަމެއް ދައްކަވާފައިވާ، މުޙައްމަދު މާޖިދު (މެޒޯ މުޙައްމަދު) ނިޔާވުމުގެ ހިތާމައިގައި، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ރައްދުކުރަމެވެ. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް މުޙައްމަދު މާޖިދު ލަހައްޓަވާށިއެވެ. އާމީން." ކަމަށެވެ.
އަމިއްލަ ރާގު ގެނެސްދިނުމުގައި ޚާއްސަ ހުނަރެއް ލިބިވަޑައިގެންފައިވާ މެޒޯ މުހައްމަދު 40 އަށްވުރެ ގިނަ އަމިއްލަ ރާގު އުފައްދަވާފައިވެއެވެ.
1990 ގެ އަހަރުތަކުގައި ދިވެހިންގެ މެދުގައި ޚާއްސަ މަގުބޫލުކަމެއް ހޯއްދެވި މެޒޯ މުހައްމަދުގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "އުޑުން ތަރިތައް"، "ވިސްނާ ވިސްނާ" އަދި "މަސްތު" ފަދަ ލަވަތައް ހިމެނެއެވެ. މި ލަވަތަކަކީ މިއަދާ ހަމައަށް ވެސް ދިވެހިންގެ ލޯބި ލިބިފައިވާ ލަވަތަކެކެވެ.

