މިއަހަރުގެ ހޫނު މޫސުމުގައި މާލެ ސަރަހައްދުގެ ކަރަންޓު ލޯޑު ޕީކު 133 މެގަވޮޓަށް އަރާނެ ކަމަށް ސްޓެލްކޯއިން ލަފާކޮށްފިއެވެ. މިއީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު އެކަށީގެންވާ މިންވަރެއްގެ އިތުރުވުމެކެވެ.
ސްޓެލްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލޭގައި ކަރަންޓު އެންމެ ގިނައިން ބޭނުންކުރަނީ މެންދުރު 2 ޖަހާއިރު ކަމަށްވާއިރު، ހުޅުމާލޭގައި ކަރަންޓު އެންމެ ގިނައިން ބޭނުންކުރަނީ ރޭގަނޑު 8 އާއި 10 އާ ދެމެދުގެ ވަގުތުތަކުގައެވެ. 2023 ވަނަ އަހަރު ލޯޑު ޕީކު 102 މެގަވޮޓަށް އަރާފައިވާއިރު، 2024 ގައި މިހާރު 112 މެގަވޮޓަށް އަރާފައިވެއެވެ.
ސްޓެލްކޯއިން ފާހަގަކުރާ ގޮތުގައި މިއަހަރުގެ އެންމެ ހޫނު ދުވަސްވަރު ދިމާވަނީ ރޯދަމަހާއި ސްކޫލު ބަންދު ދުވަސްވަރަށެވެ. ނަމަވެސް، މި ދުވަސްވަރަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުން ޗުއްޓީ ހޭދަކުރުމަށް ރަށްރަށަށް ދާ މޫސުމަކަށްވާތީ، ލޯޑު ޕީކު ލަފާކުރެވޭ މިންވަރަށް ނުދިއުން އެކަށީގެންވެއެވެ.
މި ކަންކަމަށް ރިޢާޔަތްކޮށް، ސްޓެލްކޯއިން ވަނީ ކޮންމެ ދުވަހަކު ލޯޑު ކާވް އާންމުކޮށް ހިއްސާކުރުމަށް ނިންމާފައެވެ. އަދި ކަރަންޓު ބޭނުންކުރުމުގައި ޚަރަދު ކުޑަކުރެވޭނެ ގޮތްތަކާ ބެހޭ މުހިންމު މަޢުލޫމާތުތައް ރައްޔިތުންނާ ހިއްސާކޮށްފައިވެއެވެ.
ސްޓެލްކޯއިން ރައްޔިތުންނަށް އިލްތިމާސްކުރަނީ ހޫނު މޫސުމުގައި ކަރަންޓު ބޭނުންކުރުމުގައި ސަމާލުވެ، އިސްރާފު ކުޑަކުރުމަށް މަސައްކަތްކުރުމަށެވެ. މީގެ ސަބަބުން ކަރަންޓު ބިލަށް ކުރާ ޚަރަދު ކުޑަކުރެވި، ތިމާވެއްޓަށް ކުރާ އަސަރުވެސް ކުޑަކުރެވޭނެއެވެ.

