ރާއްޖޭގެ ފަތުރުވެރިކަމާއި ސަގާފަތާއި އާދަކާދަ ކުުރިއަރުވާ، އިޝްތިހާރު ކުރުމަށް ބާއްވާ “ރަށު އެކްސްޕޯ 2025″ގެ ބޭންކިންގ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.
“ދި ޓްރެވެލް ގާއިޒް”ގެ ފަރާތުން އިންތިޒާމުކޮށްގެން މި މަހުގެ 13 އިން 15 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބާއްވާ މި އެކްސްޕޯއާއި ބެހޭ ގޮތުން ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވިގޮތުގައި، މި ފަދަ އެކްސްޕޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެ ބޭންކަށް ލިބޭ ފަޙުރެއް ކަމަށެވެ. ހަަމައެއާއެކު، ރައްޔިތުންނާއި ވިޔަފާރިތަކާއި ގުޅުވާލަދޭނެ މުހިންމު އެކްސްޕޯއަކަށް މި އެކްސްޕޯ ވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.
ރާއްޖޭގައި ވިޔަފާރިތަކުގެ ކުރިއެރުމާއި ކާމިޔާބީއަށް އެހީތެރިވުމުގެ ގޮތުން، ބީއެމްއެލް އިން ވަނީ ވިޔަފާރި ފައިނޭންސިންގ ޕްރޮޑަކްޓްތަކަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ވިޔަފާރި ފުޅާކުރުމަށް ރަހުނަކާއި ނުލައި 3 މިލިއަން ރުފިޔާ ދޭ ވާރކިންގް ކެޕިޓަލް ފައިނޭންސް އާއި، އިތުރު ރަހުނަކާއި ނުލައި ގެސްޓް ހައުސް ލޯނު ލިބޭ ގެސްޓް ހައުސް ލޯންގެ އިތުރުން %20 ޙަރަދުކޮށްގެން ރިއަލް އެސްޓޭޓް ލޯން ދޫކުރުމަށްވެސް ބީއެމްއެލް އިންވަނީ މިއަދު ނިންމާފައެވެ.
“ދަ ޓްރެވެލް ގާއިޒް”ގެ ފަރާތުން ވާހަކަދެއްކި އެ ކުންފުނީގެ ޑިރެކްޓަރ ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވިގޮތުގައި ބީއެމްއެލް ރަށު އެކްސްޕޯގެ ބޭންކިންގ ޕާޓްނަރަކަށް ހަމަޖެހިގެން ދިޔުމަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެ ބޭންކުން ދޭ އަހަންމިއްޔަތުކަން ހާމަވެގެންދާ ކަމެއް ކަމަށެވެ. ހަަމައެއާއެކު، ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގގެ ހިދުމަތް ދޭ ކުންފުނިން މި އިވެންޓުގައި ބައިވެރިވާކަމީ މި އިވެންޓް ފުރިހަމަކުރުމަށް ލިބިގެންދިޔަ ހިތްވަރެއްކަމުގައި ކަމަށްވެސް ސަނީ ވިދާޅުވިއެވެ.
ޖުމްލަ 90 ސްޓޯލްއާއި އެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި އެކްސްޕޯގައި 25 ރަށެއްގެ ކައުންސިލުންވެސް ބައިވެރިވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

