މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ނައިޖީރިއާގެ 35 އަހަރުގެ ފިރިހެނަކު މިއަދު ހަވީރު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
ކަރެކްޝަނަލް ސަރވިސްއިން ބުނީ މަރުވި މީހާއަކީ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ނަމަކަށް ކިޔާ ބިދޭސީއެއްކަމަށެވެ. އެހެން ބަންދު މީހުންނާއެކު ޔާޑުތެރޭގައި ކުޅެން ހުއްޓައި ކުއްލިއަކަށް ވެއްޓުނީ ކަމަށާއި ވެއްޓުމާއެކު ވަގުތުން ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދިން ނަމަވެސް، އޭގެ ހަތަރު މިނެޓް ފަހުން މާފުށީ ހޮސްޕިޓަލަށް ގެންދަން ޖެހުނުކަމަށް ކަރެކްޝަނުންވަނީ ބުނެފައެވެ.
ކަރެކްޝަނަލް ސަރވިސްއިން ހާމަކުރި ގޮތުގައި އޭނާ މަރުވި ކަމަށް ހޮސްޕިޓަލުން ކަނޑައަޅާފައި ވަނީ ހަވީރު 5:20 ގައެވެ. އަދި ، އޭނާއަކީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ މީހެއް ނޫން ކަމަށް ވެސްބުންޏެވެ.
އޮކޮނާޗީ ހުރީ ރާއްޖެއަށް މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުން ކުރުމާއި އަދި ވިޔަފާރި ކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން (ވާނުވާ މުއްދަތެއްގައި) ޖަލުގައި ބަންދުކޮށްފައެވެ.

