ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީގެ ރައީސް ހަންދީ އަގީލް މަގާމުން ވަކިކޮށްފިއެވެ.
ދައުލަތުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ބޯޑު، ޕީސީބީގެ ރައީސް ކަމުން ހަމްދީ ވަކިކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ހަމްދީ މަގާމުން ވަކިކޮށްފައިމިވަނީ އިއްޔެ ޕީސީބީން ސަރުކާރުގެ ކުންފުނިތަކުގެ ހަރަދު ކުޑަ ކުރުމަށްޓަކައި ރޯދަ އިނާޔަތް ދިނުމާއި ގުޅޭގޮތުންނާއި ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް އަޅަންވީ ފިޔަވަޅުތަކުގެ ސާކިއުލާ ނެރުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު މި ނިންމެވުން ނިންމެވި ސަބަބު އަދި ހާމައެއް ނުކުރައްވައެވެ.
ޕީސީބީން އިއްޔެ ނެރުނު ސާކިއުލާގައި ވާގޮތުން، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ އިތުރަށް ފައިސާއާއި ހަދިޔާ ނުދިނުމަށް އަންގާފައިވާއިރު، މިއީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް ނިންމި ނިންމުމެއް ކަަމަށް ޕީސީބީން ހާމަކުރެއެވެ.
ޕީސީބީގެ ރައީސް ކަމަށް ހަމްދީ އައްޔަނުކޮށްފައިވަނީ 22 ނޮވެމްބަރ 2023 ގައެވެ.

