މިދިޔަ އަހަރު މަސްތުވާތަކެތީގެ ވިޔަފާރިކުރި 20 މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމް ކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައި ވަނީ ކްރިމިނަލް ކޯޓުން ތަފާސްހިސާބު ރިޕޯޓެއްގައެވެ.
ކްރިމިނަލް ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އެ ކޯޓުން ވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި 137 މައްސަލައެއްގައި ގޮތް ނިންމާފައެވެ. މީގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ޝަރީއަތުގައި އިއުތިރާފުވުމުން ފަރުވާގެ ފުރުސަތު ދިނުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޑްރަގް ކޯޓަށް ހުށަހެޅުމަށް އަނބުރާ ގެންދެވި މައްސަލަތަކާއި އެ އޮފީހުން ދައުވާ މުރާޖަޢާ ކުރުމަށްފަހު އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމަވައި އަނބުރާ ގެންދެވި މައްސަލަތައްވެސް ހިމެނެއެވެ.
ކޯޓުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މިދިޔަ އަހަރު ކްރިމިނަލް ކޯޓުން މައުޟޫއީ ގޮތުން ބަލައި ހުކުމްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން 7 މައްސަލައެއް ސާބިތުނުވާ ކަމަށް ވަނީ ހުަނީ ހުކުމްކޮށްފައެވެ. އަދި 95 އިންސައްތައަށްވުރެ ގިނަ މައްސަލަތަކުގައި ހުކުމްކޮށްފައިވަނީ ކުށް ސާބިތުވެގެންނެވެ.
މީގެ އިތުރުން، މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 7 މީހެއްގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލާން ހުކުމްކޮށްފައިވާ ކަމަށްވެސް ކްރިމިނަލް ކޯޓުން ހާމަކުރިއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖޫރިމަނާގެ ގޮތުގައި 10،200،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ދައުލަތަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ރީހެބިލިޓޭޓްކޮށް، އަނބުރާ މުޖުތަމައުއަށް ނެރުމަށް އެކި ޕްރޮގްރާމްތައް ހިންގުމާއި، މަސްތުވާތަކެތި ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށް ގިނަ ފިޔަވަޅުތަކެއް ގެންދަނީ އަޅަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލަ އިތުރަށް ކޮންޓްރޯލްކުރުމަށްޓަކައި، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އިތުރު ބާރު ލިބޭގޮތަށް އައު ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.

