ޮމޯލްޑިވްސް މީޑިއާ ކައުންސިލްގެ ދެ މަޤާމަކަށް މެންބަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޔޫތު އެންޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ވަނީ ހުޅުވާލައިފައެވެ. މިގޮތުން ހުޅުވާލާފައިވަނީ އާންމު މެންބަރެއްގެ މަޤާމަކާއި މީޑިއާތައް ތަމްސީލުކުރާ މެންބަރެއްގެ މަޤާމެކެވެ.
މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށްވުމާއި، އުމުރުން 18 އަހަރު ފުރިފައިވުން ހިމެނެއެވެ. އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށް، އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން ހިމެނެއެވެ.
މި މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުރި ފޯމު ފުރިހަމަކުރުމަށްފަހު، ބޭނުންވާ ލިޔެކިޔުންތަކާއެކު މިނިސްޓްރީގެ އީމެއިލް އެޑްރެހަށް ފޮނުވަން ޖެހޭނެއެވެ.
މީޑިއާ ކައުންސިލްގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 އަހަރު ދުވަހެވެ. ނަމަވެސް އެއްވެސް މެންބަރަކަށް ވިދިވިދިގެން ދެ ދައުރު ކައުންސިލްގައި ހިދުމަތް ނުކުރެވޭނެކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އަދި އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތްނުކުރާ ފަރާތްތައްކަންވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

