ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސްކަމަށް ތިންވަނަ ފަހަރަށް، މިހާރުގެ ރައީސް މުހައްމަދު ލަތީފް ވަނީ އިންތިޚާބުވެފައެވެ.
ލަޠީފް މި މަގާމަށް ހޮވުނީ ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށްފަހު، މިދިޔަ އަހަރު އަލުން ވީއޭއެމްގެ ރައީސްކަމާ ހަވާލުވި ފަހުންނެވެ.
މިދިޔަ އަހަރު ލަތީފް ރައީސްކަމާ ހަވާލުވީ، އޭރުގެ ރައީސް މުހައްމަދު ރަނޭޝް އިސްތިއުފާ ދިނުމާ ގުޅިގެން، އެ ދައުރުގެ ބާކީ އޮތް އެއް އަހަރުގެ މުއްދަތަށެވެ.
ވީއޭއެމްގެ އަސާސީ ގަވާއިދަށް ގެނެވުނު އިސްލާހާ އެކު، އެކްސްކޯގެ މަޤާމުތައް 15 އަށް އިތުރުކުރެވުނެވެ. މި މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިދިޔަ މަހުގެ 27 ވަނަ ދުވަހު ހަމަވިއިރު، އާންމު މެންބަރުންގެ މަޤާމުތައް ފިޔަވައި އެހެން ހުރިހާ މަޤާމަކަށް ކުރިމަތިލީ އެންމެ ކެންޑިޑޭޓެކެވެ.
ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުނު އިންތިޚާބުގައި އާންމު މެންބަރުންގެ ފަސް މަޤާމަށް ހޮވުމަށް ހަ ބޭފުޅަކު ވާދަކުރިއެވެ. މީގެ ތެރެއިން ތަޖުރިބާކާރު ކޯޗު އަހްމަދު އަދީލު (ބޭބެ) ފިޔަވައި އެހެން ހުރިހާ ބޭފުޅުން ވަނީ އިންތިޚާބުވެފައެވެ. އަދި ސީނިއާ ނައިބު ރައީސްކަމަށް ތަޖުރިބާކާރު ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ވަނީ ހޮވިފައެވެ.

