މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތަކުގެ ތެރެއިން އާންމު މިންގަނޑަށް ނުފެތޭ ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މި މަސައްކަތަކީ ކުރިއަށް އޮތް ރަމަޟާން މަހަށް މާލެ ސާފުކޮށް ޒީނަތްތެރިކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ. މި މަސައްކަތް ކުރިއަށްދަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާ އެކުގައެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ފާރުތަކުގައި ކުރަހާފައި ހުރި އެކަށީގެންނުވާ ގްރެފިޓީތައް މި މަސައްކަތުގެ ދަށުން ނައްތާލެވޭނެއެވެ.
މީގެ ކުރިން ވެސް މިފަދަ ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ފާހަގަ ކުރެވެއެވެ.
މާލޭގެ މަގުތަކާއި ގޯޅިތަކުގައި ހުރި ފާރުތަކުގައި ކުރަހާފައި ހުންނަ ގްރެފިޓީތަކަކީ ގިނަ ފަހަރަށް އާންމުންގެ ފާޑުކިޔުން އަމާޒުވާ ކަމެކެވެ. އަދި މިއީ މާލޭގެ ރީތިކަން ގެއްލޭ ކަމެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ފާހަގަކުރެ އެވެ.

