ހދ. ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މަންމައަކާއި އޭނާގެ އަންހެން ދަރިއަކު ހައްޔަރުކޮށްފިއެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި ހައްޔަރުކުރެވުނު ދެމީހުންނަކީ ހދ. ހަނިމާދޫ / މަޔާ ޕެލަސްގެ އާމިނަތު (56 އަހަރު) އާއި ފާޠިމަތު މާޔާ (25 އަހަރު) އެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
އޮޕަރޭޝަންގެ ތެރެއިން އެ ދެމީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްސާއި ފައިސާ ހޯދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 189.69 ގުރާމް ކަމަށް ފުލުހުން ބުންޏެވެ
މި މައްސަލައިގައި ހައްޔަރުކުރެވުނު ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އާމިނަތު 5 ދުވަހުގެ މުއްދަތަށް އަދި ފާޠިމަތު މާޔާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

