ފިރިމީހާ މަރާލިކަން ސާބިތުވެ، ހެންވޭރު ބައިކަނޑިގޭ، މަރިޔަމް ނަޒާހާގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.
ނަޒާހާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދު މަރުވީ 2010 ވަނަ އަހަރު، ބުރަކަށްޓަށް ވަޅިން ހަމަލާދިނުމުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. މި މައްސަލައިގައި ދައުލަތުން ނަޒާހާގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.
2011 ވަނަ އަހަރު ދަށު ކޯޓުން ނަޒާހާ 25 އަހަރަށް ޖަލަށް ލާން ހުކުމްކުރީ އޭނާގެ އިއުތިރާފުން ކުށް ސާބިތުވުމާ ގުޅިގެންނެވެ. ނަޒާހާ ބުނެފައިވަނީ ޝާހިދަށް ހަމަލާދެވުނީ އޭނާގެ ފަރާތުން ލިބެމުންދިޔަ ގެވެށި އަނިޔާތަކަށް ކެތް ނުކުރެވިގެން ކަމަށާއި، އެއީ އަމިއްލަ ނަފްސުގެ ދިފާއުގައި ދެވުނު ހަމަލާއެއް ކަމަށެވެ. އަދި އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް ވެސް ނަޒާހާ ބުނެފައިވެއެވެ.
2015 ވަނަ އަހަރު ހައި ކޯޓުން ވެސް ޖިނާއީ ކޯޓުގެ މި ނިންމުމަށް ތާއީދުކޮށް، ހުކުމް ދެމެހެއްޓިއެވެ. މި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނަޒާހާގެ ފަރާތުން ހުށަހެޅީ އޭގެ ހަ އަހަރު ފަހުން، 2021 ވަނަ އަހަރުގައެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ ނަޒާހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ދަށު ކޯޓުން ކަނޑައެޅީ ރަނގަޅަށް ކަމަށެވެ. އަދި ގާނޫނަށް އައި އިސްލާހުތަކާ ގުޅިގެން ނަޒާހާގެ އަދަބަށް ލުޔެއް ލިބޭތޯ ބެލި ނަމަވެސް، އެފަދަ ލުޔެއް ލިބިދެވޭނެ ތަނެއް ނެތް ކަމަށް ވެސް ކަނޑައެޅިއެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ރައުޔުގައި ވިދާޅުވެފައިވަނީ ނަޒާހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ވެސް ނިންމީ ރަނގަޅަށް ކަމަށް ބުރަވެވޭ ކަމަށެވެ. އަދި ހަމަލާދިނީ ބުއްދިއަށް އުނިކަން އައިސްފައިވާ ހާލަތެއްގައި ނުވަތަ ނަފްސުގެ ދިފާއުގައި ކަމަށް ނަޒާހާ ބުނި ނަމަވެސް އެކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް އޭނާގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔު ތަފާތުވެ، ވިދާޅުވެފައިވަނީ ނަޒާހާއަކީ ތަކުރާރުކޮށް ޝާހިދުގެ ފަރާތުން ގެވެށި އަނިޔާ ލިބެމުންދިޔަ މީހެއްކަން އޭނާގެ ވާހަކަތަކުން އެނގޭއިރު، އޭނާގެ ފަރާތުން ޝާހިދަށް ދިން ހަމަލާއަކީ މަރާލުމުގެ ގަސްތު އޮވެގެން ދިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގައި ފާހަގަކުރައްވާފައިވަނީ ނަފްސު ދިފާއުވުމުގެ ހައްގު އުފަންވަނީ ހަމަލާދޭ ވަގުތު ކަމަށާއި، ހަމަލާދޭތާ އެތައް އިރެއް ފަހުން ދޭ ހަމަލާއަކީ ދިފާއުގައި ދޭ ހަމަލާއަކަށް ނުވާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އެ މީހަކު ޖިނާއީ ޒިންމާ އުފުލަންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ނަޒާހާގެ މައްސަލައިގައި ސުޕްރީމް ކޯޓުން މިގޮތަށް ނިންމުމާ ގުޅިގެން، އޭނާ 25 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުން ދާނެއެވެ. މި މައްސަލައިގައި އޭނާއަށް މަރުގެ ހުކުމެއް ނައީ ޝާހިދުގެ އާއިލާގެ ފަރާތުން އެގޮތް ބޭނުން ނުވުމުންނެވެ.
2010ވަނަ އަހަރު ދޫނިދޫ ބަންދަށް ގެންގޮސް، 2011 ވަނަ އަހަރު އުމުރުން 21 އަހަރުގައި 25 އަހަރަށް ކުރި ހުކުމުން ޖަލުގައި 13 އަހަރު ހޭދަކޮށްފައިވާ ނަޒާހާގެ 25 އަހަރުގެ ޖަލު ހުކުމުން ފަސް އަހަރުގެ މާފުކޮށްދީފައިވާ އިރު، ދެން އޭނާ ތަންފީޒު ކުރަންޖެހޭނީ 7 އަހަރުގެ ޖަލު ހުކުމެކެވެ.

