ތ. ވިލުފުށީ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައިގައި އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައަކީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ދަންވަރު 12:05 ހާއިރު އެ ރަށު ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެއްޗެހިތަކެއް އަޅާފައިވާކަމަށް ބުނެ ފުލުހުންނަށް ރިޕޯޓުކުރި މައްސަލައެކެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތުގެ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ކުރިއަށް ގެންދަވަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ސިހުރުވެރިކަން ކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. އަދި މިފަދަ މައްސަލަތަކުގައި ޝަރީޢަތުން ސާބިތުވެއްޖެނަމަ އެކަށީގެންވާ އަދަބު ކަނޑައެޅިދާނެއެވެ.

