ގއ އަތޮޅު ކައުންސިލުން އެއަތޮޅު ނިލަންދޫގައި ޒަމާނީ ފެންވަރުގެ މަލްޓިޕާޕަސް ހޯލެއް ތަރައްގީ ކުރުމަށް ނިންމައި އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ރަށްރަށުގެ ތަރައްގީއައް އެހީވުމުގެ ގޮތުން އަތޮޅު ކައުންސިލުން ހުޅުވާލާ ފުރުސަތުގައި ހުރިހާ ރަށަކަށް ވަނީ ޕްރޮޕޯސަލް ހުށައެޅުމަށް ފުރުސަތު ދީފައެވެ. އެގޮތުން ނިމުނު 2024 ގައިވެސް އަތޮޅު ބައެއް ރަށްރަށުގައި ވަނީ އަތޮޅު ކައުންސިލްގެ އެހީގައި ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައެވެ.
2025 ގެ ބަޖެޓް ރިލީޒް ވުމާއިއެކު އަތޮޅު ރަށްތަކުގެ އިޖްތިމާއި އަދި އުމްރާނީ ތަރައްގީއަށް ބޭނުންވާ ކަންކަމަށް ފަންޑު ކުރުމުގެ ގޮތުން ހުޅުވާލި ފުރުސަތުގެ ތެރެއިން މިއަހަރު އެންމެ ފުރަތަމަ މަޝްރޫއެއްގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނިލަންދޫ ކައުންސިލުން ހުށައެޅި މަލްޓިޕާޕަސް ހޯލު އިމާރާތެވެ.
އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ޝަހީން ހުވަދޫ އަށް ވިދާޅުވީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަށް ހިންގުމަށް ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ރަށްރަށުގެ ކައުންސިލުން ލިބެމުންދާ ކަމަށެވެ. އަދި ރަށްރަށުގައި މަޝްރޫއުތައް ހިންގުމަށް ހުރިހާ ރައީސުން ދެއްވާ އެއްބާރުލުމަށް ޝުކުރުދަންނަވާ ކަމަށެވެ. އަތޮޅު ކައުންސިލްގެ ހުރިހާ ވެސް ވިސްނުމަކީ ރަށްތައް ބެހިފައިވާ ގޮތުން ހުރިހާ ރަށެއްގައިވެސް އެކި ފަންތިތަކުގެ މަސައްކަތްތައް އެހީތެރިވުން ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝަހީން ވިދާޅުވީ އެއަތޮޅު ފެރީތައް މެއިން ޕޮއިންޓަކީ ވިލިނގިލި ކަމަށްވުމާއި އެކު ފެރީތަކުން އަންނަ ދަތުރުވެރިންނަށް ލުއި ފަސޭހަގޮތަކަށް ހިދުމަތް ދިނުމަށް ފެރީ ޓާމިނަލެއް މުހިންމު ކަމަށެވެ. ފުރަތަމަ މަސައްކަތް ކުރީ އެމްޓީސީސީ އާއި ވާހަކަ ދައްކައިގެން ހައްލު ހޯދުން ކަމަށާއި އެހެން ނަމަވެސް އެދެވޭ ހައްލެއް ނުލިބުމުން އެމަސައްކަތް އަތޮޅު ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ނިލަންދޫ ކައުންސިލްގެ ރައީސް ނާސިހު ހުވަދޫއަށް ވިދާޅުވީ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތައް އެރަށު ކައުންސިލުން އެދުނީ ޒަމާނީ ފެންވަރުގެ މަލްޓިޕާޕަސް ހޯލެއް އިމާރާތް ކުރަން ކަމަށެވެ. 500 މީހުންގެ ޖާގައިގެ ހޯލު ވެގެންދާނީ އެރަށަށް ވަރަށް ބޭނުންތެރި ތަނެއްގެ ގޮތުގަައި ކަމަށެވެ. ޖަލްސާ ބާއްވާނެ ކޮންފަރެންސް ރޫމެއްގެ އިތުރުން ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމް ކުރެވިގެން ދާނެ ކަމަށް ނާސިހު ވިދާޅުވިއެވެ.
މި މަޝްރޫއުގައި މިހާރު ކުރިއަށްދަނީ ކުރެހުން ފައިނަލް ކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ނިމުނުހާ އަވަހަށް ކޮންޓްރެކްޓަރެއް ހޯދުމަށް ްމި މަސް ނިމުމުގެ ކުރިން އިއުލާން ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ގއ އަތޮޅު ކައުންސިލުން ނިލަންދޫ މަލްޓިޕާޕަސް ހޯލު އިމާރާތް ކުރާއިރު އެކައުންސިލުން މިހާރު މިސްރާބު ހުރީ އަތޮޅު ތެރޭގެ ރަށެއްގައި އެންމެ ފުރަތަމަ ޑަޔަލަސިސް ސެންޓަރު އެއަތޮޅު ހޮސްޕިޓަލުގައި ގާއިމް ކުރުމެވެ.

