ކުޅިކޮށް ކެއުމުގެ ސިއްޙީ ފައިދާތައް
ކުޅިކާތަކެތި ކެއުމުގެ ސަބަބުން އިންސާނާގެ މުޅި ހަށިގަނޑަށް އަސަރުކުރާކަމީ އެއްވެސް މީހަކަށް އިންކާރު ނުކުރެވޭނެ ޙަޤީޤަތެކެވެ. އެހެންނަމަވެސް، ގިނަ ބަޔަކަށް ކުޅިކާތަކެތި ކެއުމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ރަނގަޅު އަދި ނުބައި އަސަރުތަކަކީ ކޮބައިކަން ނޭނގެއެވެ.
ކުޅިކޮށް ކެއުމަކީ ދުނިޔޭގެ ގިނަ ބަޔަކު ލޯބިކުރާ ކަމެކެވެ. ޕެޕްސިކަމް، އަސޭމިރުސް، ލޮނުމިރުސް އަދި ޖަލަޕީނޯ ފަދަ ތަކެތި ކާއެއްޗެހީގައި ބޭނުންކުރުމަކީ ދިވެހިންގެ ތެރޭގައިވެސް އާންމު ކަމެކެވެ. އަދި ބައެއް މީހުން ތިމާ ލޯބިވާ މީހަކު ކުޅިކޮށް ކައިގެން ދިލަނަގާތަން ފެނުމުން އަސަރުކުރެއެވެ. އަދި އެއީ ނުރަނގަޅު އާދައެއްކަމަށް ނަސޭހަތްތެރިވެއެވެ. ނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ޙަޤީޤަތަކީ މިފަދަ ކުޅި ކާތަކެތީގައި ހަށިގަނޑަށް ލިބޭ ގިނަގުނަ ފައިދާތަކެއް ހުންނަކަމެވެ. ހަމައެހެންމެ، ކުޅިކާތަކެތި ނުވަތަ މިރުހުގައި ހިމެނޭ ކުޅިން ލިބިދޭ ފައިދާއާ ދޭތެރޭ ވިސްނާލައި އަދި އެކަން އެނގޭނަމަ މަހަކު ނޫނީ ހަފުތާއަކު އެއްދުވަހު ނަމަވެސް ކުޅިކޮށް ކާލުން އާދައަކަށް ހަދާނެކަން ޔަގީނެވެ.
އެހެންކަމުން ފަތިސްތަރީގެ މިއަދުގެ ބައިގައި، މިގެނެސްދެނީ ކުޅިކޮށް ކެއުމުގެ ސަބަބުން ހަށިގަނޑަށް ކުރާ އަސަރާއި އޭގެއިން ލިބިދޭ ބައެއް ފައިދާތަކަށެވެ.

ގިނަ ބަޔަކަށް ނޭނގޭ ޙަޤީޤަތަކީ މިރުސްފަދަ ކުޅި ކާތަކެތީގައި ހަށިގަނޑަށް ލިބޭ ގިނަގުނަ ފައިދާތަކެއް ހުންނަކަމެވެ./ ފޮޓޯ: ޑެއިލީއެކްސްޕްރެސް
ކުޅި ކާތަކެތީގައި ހިމެނޭ މުހިންމު މާއްދާތައް: ކުޅި ކާތަކެތީގައި ހިމެނޭ އެންމެ މުހިންމު މާއްދާއަކީ ކެޕްސައިސިންއެވެ. މިއީ ހިތުގެ ބައްޔާއި ކޮލެސްޓްރޯލްއާ ދުރުކޮށްދޭ މާއްދާއެކެވެ. މީގެއިތުރުން ރީނދޫވެސް ހިމެނެނީ ސްޕައިސް، ކުޅި ބާވަތުގެ ތެރޭގައެވެ. އޭގެ ފައިދާ ގިނައެވެ. ރީނދުލުގައި ހިމެނޭ ކާރކިއުމިން އަކީ ކެންސަރާ ދުރުކޮށްދޭ މާއްދާއެކެވެ. ރަތް އަދި ފެހި މިރުހުގައި ވިޓަމިން ސީ އާއި އެހެނިހެން މުހިންމު މިނަރަލްސްތައް ހިމެނޭ ކަމީވެސް ވަރަށްބޮޑު ހަގީގަތެކެވެ.
ހަށިގަނޑަށް ލިބޭ ފައިދާތައް: ކުޅިކޮށް ކެއުމުން ހަށިގަނޑަށް ލިބޭ ފައިދާތަކުގެ ތެރޭގައި ހަށިގަނޑު ހިކުމަށް މަގުފަހިކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތަކީ ކުޅިކޮށް ކެއުމުގެ ސަބަބުން ބަރުދަން ލުއިކޮށްދިނުމާއި މެޓަބޮލިސަމް އިތުރުކޮށްދިނުން ހިމެނެއެވެ. އަދި މިރުހުގައި ހިމެނޭ އެންޓިއޮކްސިޑަންޓްތަކަކީ ހަށިގަނޑުގައި އުފެދޭ ފްރީ ރެޑިކަލްސްއާ ދެކޮޅަށް މަސައްކަތްކުރާ މާއްދާތަކެކެވެ.

ގިނަ ބަޔަކަށް ނޭނގޭ ޙަޤީޤަތަކީ މިރުސްފަދަ ކުޅި ކާތަކެތީގައި ހަށިގަނޑަށް ލިބޭ ގިނަގުނަ ފައިދާތަކެއް ހުންނަކަމެވެ./ ފޮޓޯ: ޑެއިލީއެކްސްޕްރެސް
މީގެއިތުރުން ގައިގެ ހަންގަނޑުގައި މަރުވެފައިހުންނަ ސެލްތައް ފިލުވުމަށާއި، ދުވަސްވުމުގެ އަލާމާތްތައް މަދުކުރުމަށް އެހީތެރިވެދެއެވެ.
ގިނައިން މިރުސް ބޭނުންކޮށްގެން ކެއުމުގެ ސަބަބުން ހަށިގަނޑުގައި ޖަމާވެފައިވާ އިތުރު މޭދާތައް ނައްތާލުމަށް ފަސޭހަވެގެންދެއެވެ. އެހެންކަމަށްވިޔަސް ހަށިގަނޑު ދުޅަހެޔޮކަމާއެކު ބެހެއްޓުމަށްޓަކައި ގަވާއިދުން ކަސްރަތުކުރުމާއި، ރަނގަޅު ކާނާ މުހިންމެވެ. ހަމައެހެންމެ ކަންމިހެން އޮތުމާއެކުވެސް ހަގީގަތަކީ، މިރުހުގައި އެކުލެވޭ "ކެޕްސިނޮއިޑްސް" ނަމަކަށް ކިޔާ ޚާއްޞަ މާއްދާގެ ސަބަބުން ހަށިގަނޑުން ހަކަތަ އުފެއްދުމުގެ މިންވަރު އިތުރުވެ، ހަށިގަނޑުގައި ޖަމާވެފައިވާ މޭދާތައް ނައްތާލުމަށް އެހީތެރިވެދޭ ކަމެވެ.

ގިނަ ބަޔަކަށް ނޭނގޭ ޙަޤީޤަތަކީ މިރުސްފަދަ ކުޅި ކާތަކެތީގައި ހަށިގަނޑަށް ލިބޭ ގިނަގުނަ ފައިދާތަކެއް ހުންނަކަމެވެ./ ފޮޓޯ: ޑެއިލީއެކްސްޕްރެސް
އިމިއުން ސިސްޓަމް ނުވަތަ ދިފާޢީ ނިޒާމަށް ކުރާ ފައިދާ
ކުޅި ކާތަކެތީގައި ހިމެނޭ ޕޮޓޭސިއަމް އަދި ކޮޕަރ ފަދަ މާއްދާތަކަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ މާއްދާތަކެކެވެ. އަދި މިރުހުގައި ހިމެނޭ އިންފްލަމޭޝަން ކުޑަކުރުމުގެ ޚާއްޞިއްޔަތުތަކުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ތަފާތު ތަދުތަކަށް ކެތްކުރުމުގެ ޤާބިލުކަން އިތުރުކޮށްދެއެވެ.
އެހެންކަމުން، ކުޅިކޮށް ކެއުމަކީ ހަމައެކަނި ރަހައަށްޓަކައި ކުރާ ކަމެއް ނޫނެވެ. މިއީ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ. ނަމަވެސް ކޮންމެ ކަމެއްވެސް މިންވަރަކަށް ކުރުމަކީ މުހިންމު ކަމެކެވެ. މާގިނައިން މިރުސް ނުވަތަ ކުޅިކޮށް ކެއުން އެއީ ވެސް ސިއްހަތަށް ގެއްލުން ވެދާނެކަމެއްކަން ދަންނަންވާނެއެވެ. ވަކި މިރުސް، ނުވަތަ ކުޅިކާތަކެތި އެކަންޏެއް ނޫނެވެ، އެއްވެސް ކަމަކީ ހައްދުފަހަނައަޅައި ގޮސްފިނަމަ އޭގެ ނަތޖާ ރަނގަޅުވާނެ ކަމެއް ނޫެނެވެ.

