ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުޑަކުދިންގެ އަދަދު މި ފަހަކަށް އައިސް މަދުވެފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މި ވާހަކަ ދެއްކެވީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 139 ކުދިންނެވެ. މިއީ ހަތަރު އަހަރު ކުރިން 200 އަށް ވުރެ ގިނައިން ތިބި އަދަދާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.
"2022 ވަނަ އަހަރާ އަޅާބަލާއިރު، މިދިޔަ އަހަރު ދައުލަތަށް ނެގި ކުދިންގެ އަދަދު 23 ޕަސެންޓަށް ދަށްވެފައިވޭ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ އަދަދު ވެސް 19 ޕަސެންޓަށް ދަށްވެފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޝިހާމް ވިދާޅުވި ގޮތުގައި މި އަދަދުތައް މަދުވެގެން ދިޔުމަކީ މުޖުތަމައުގެ ތެރޭގައި އެހީތެރިކަމާއި އަޅާލުން އިތުރުވެފައިވާކަން ދައްކުވައިދޭ ކަމެކެވެ. އަދި ފޯސްޓާކުރާ ކުދިންގެ އަދަދު އިތުރުވަމުން އަންނަކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
""ކޮންމެ ކުއްޖަކަށް އާއިލާއެއް" ގެ ނަމުގައި ސަރުކާރުން ފެށި ފޯސްޓާ ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 67 ކުއްޖަކު ވަނީ އާއިލާއަކާ ހަވާލުކޮށްފައި. މިހާރު ވެސް 35 އާއިލާއަކުން އެދިގެން އަންނަނީ ކަންކަން ބަލަމުން. ފޯސްޓާ އާއިލާތަކުން ކުދިން ބަލަހައްޓަނީ ވަރަށް ރަނގަޅަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން، ކުރީގައި މީހުން އާންމުކޮށް ފޯސްޓާ ކުރަން ބޭނުންވަނީ އެންމެ ތުއްތު ކުދިން ނަމަވެސް، މިހާރު ބޮޑެތި ކުދިން ވެސް އަންނަނީ ފޯސްޓާ ކުރަމުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިއީ ވަރަށް ހެޔޮ ބަދަލެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ކުރިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން ބަލަހައްޓަމުން އައީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އާއި ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ކަމަށާއި، ނަމަވެސް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި، "އަމާން ވެށި" ގެ ނަމުގައި ހަދާފައި ހުންނަ ސެންޓަރުތަކުގައި ކުދިން ބައިތިއްބާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

