ހައްޖާއި އުމްރާގެ އަޅުކަމުގައި ކުރާ ދަތުރުތަކުގައި ބައިވެރިވާ ސިއްހީ މަސައްކަތްތެރިން ހިމެނޭ ދަފްތަރެއް ހެދުމަށް ނިންމައި، އޭގައި ރަޖިސްޓްރީވުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.
މި ދަފްތަރު އެކުލަވާލުމަށް ފަހު، ހައްޖު ކޯޕަރޭޝަނުން ކުރާ ހައްޖާއި އުމްރާެ ދަތުރުތަކުގައި ބައިވެރިކުރާނެ އެހީތެރިން ހޮވާނީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން އެކަނިކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
ދަފްތަރުގައި ރަޖިސްޓްރީވުމަށް ޑޮކްޓަރުންނާއި ނަރުހުން ފޯމު ހުށަހެޅުމަށް ހުޅުވާލައިފައިވާއިރު، ޑޮކްޓަރުންގެ ތެރެއިން އެ ދަފްތަރުގައި ބައިވެރިވެވޭނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވާ، އެތަނުން ގަބޫލުކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓާންޝިޕް ފުރިހަމަކޮށްފައިވާ، އަދި ސިއްހީ ދާއިރާގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ލިބިފައިވާ، ގިނަ ވަގުތު މަސައްކަތްކުރެވޭ ޑޮކްޓަރުންނަށެވެ.
މި ދަފްތަރަށް ބޭނުންވާ ސިއްހީ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ މެޑިކަލް އޮފިސަރުންނާއި، ޖެނަރަލް ޕްރެކްޓިޝަނަރުންނާއި، ޕިޒިޝަނުންނާއި ކާޑިއޮލޮޖިސްޓުންނާއި، ނެފްރޮލޮޖިސްޓުންގެ އިތުރުން ނިއުރޮލޮޖިސްޓުންނެވެ. މި ދަފްތަރުގައި ރަޖިސްޓްރީވާ ސިއްހީ އެހީތެރިންގެ މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަނަކާއި ލައިސަންސް ވެސް އޮންނަން ޖެހެއެވެ.
ހަަމައެއާއެކު، މި ޕޫލްގައި ރަޖިސްޓްރީވާ ނަރުހުންނަކީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއެއް އޮތް މީހަކަށް ވުމާ އެކު ދެ އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހެއެވެ. އަދި ހަމައެހެންމެ، ނާރސިންގ ލައިސަންސް ލިބިފައިވުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ސިއްހަތު ރަނގަޅު މީހަކަށްވެސް ވާންޖެހެއެވެ.
މިކަމަށް ޝައުގުވެރިވާ ޑޮކްޓަރުންނާއި ނަރުހުންނަށް “ހައްޖު އަދި އުމްރާ ދަތުރުތަކުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު” ހައްގު ކޯޕަރޭޝަނުގެ ވެބްސައިޓުން ލިބޭނެއެވެ. ފޯމާ އެކު ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ އާއި ތަޖުރިބާގެ ލިޔުންތަކާއި ވަޒީފާގައި އުޅޭ ނަމަ މަސައްކަތް ކުރާ ތަނެއް އެނގޭ ރަސްމީ ލިޔުމެއް ހުށަހަޅަން ޖެހެއެވެ.
މި މަގާމުތަކަށް މީހުން ހޮވުމުގައި އަރަބި ބަހާއި އުރުދޫ ބަހުން މުއާމަލާތް ކުރަން އެނގޭ މީހުންނާއި ގިނަ ދުވަހު މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

