ރަސްފަންނާއި ސަލްޓަންޕާކު މަރާމާތުކޮށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކުގެ ހާލަތު ފެނި ހިތާމަކުރާކަމަށެވެ. ދެ ތަންވެސް ވީރާނާ ވަމުންދާކަމަށެވެ. ރައީސް ވިދާޅުވީ އެދެތަނަށް އާރޯކަމާއި ރީތިކަން ސަރުކާރުން ގެންނާނޭ ކަމަށެވެ.
،"ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިފައި ހިތާމަކުރަން. ދެ ތަންވެސް ދަނީ ވީރާނާވަމުން. މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން. މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މަޢުލޫމާތަށްޓަކައި ދަންނަވަން،" ރައީސް ޑރ މުއިއްޒު
ރަސްފަންނަކީ ރައީސް ހައުސިން މިނިސްޓަރުކަމުގައި ޑިޒައިން ކޮށް ތަރައްގީ ކުރިތަނެކެވެ. އަދި ސަލްޓަންޕާކުގެ މޭސްތިރިއަކީ ވެސް ރައީސް ޑރ މުހައްމަދު މުއިއްޒެވެ.

