އިސްލާމިކް ލީޑާރޝިޕް ޕްރޮގްރާމްގެ ދަށުން ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު (ވަމީ) އާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ގުޅިގެން އިންތިޒާމުކުރާ އުމްރާ ދަތުރުގެ ބައިވެރިން މިއަދު ވަނީ ފުރައިފައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ދަތުރުގައި އެމްއެންޔޫ، އައިޔޫއެމްގެ ޔޫނިއަން، ސީއެޗްސީ، ވިލާ ކޮލެޖް، ޒިކުރާ ކޮލެޖް، އަހުމަދިއްޔާ ސްކޫލު، ހިރާ ސްކޫލު އަދި ޒުވާން ހަތީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތައް ބައިވެރިވެއެވެ.
މި ދަތުރަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި އިސްލާމިކް ލީޑާރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ދަތުރެކެވެ. 14 ފެބްރުއަރީ އިން 21 ފެބްރުއަރީ އަށް ކުރިއަށްދާ މި ސްޓަޑީ ޓުއަރގައި އިލްމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން މައްކާ އަދި މަދީނާގެ ޚާއްޞަ ތަންތަނަށް ޒިޔާރަތްކުރުން ހިމެނެއެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މިދިޔަ އަހަރު މި ޕްރޮގްރާމްގެ ދަށުން އިމާމުންނާއި ހަތީބުން ސަޢޫދީ ޢަރަބިއްޔާގެ އިތުރުން މިޞްރު، މެލޭޝިޔާ، ބްރޫނާއި އަދި އިންޑޮނޭޝިޔާއަށް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުތައް ކޮށްފައިވެއެވެ.

