ހުޅުމާލޭގެ މަގުމަތީގައި ހުންނަ ރައުންޑްއެބައުޓްތަކުގައި ކޮންކްރީޓް މޮނިއުމަންޓް ހެދުމުގެ ބަދަލުގައި ބަގީޗާ ހެއްދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ. މި ނިންމުމަކީ އާންމުންގެ ފަރާތުން ލިބުނު ފީޑްބެކްއަށް ރިޢާޔަތްކޮށް ނިންމި ނިންމުމެކެވެ.
އެޗްޑީސީގެ ސީއީއޯ އަޙްމަދު އިބްރާހިމް އެކްސްޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، “ޕައިލެޓް ރައުންޑްއަބައުޓް އައިލެންޑް” ޕްރޮޖެކްޓްގެ ގްރީންސްކޭޕިން މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށާއި ހުޅުމާލޭގެ ރައުންޑްއަބައުޓްތަކުގެ ތެރޭގައި ކޮންކްރީޓް ބިނާތައް އެޅުމުގެ ޕްލޭން އަލުން މުރާޖައާ ކުރުމުން ލިބުނު ނަތީޖާއަކީ އެތަނުގައި ކޮންކްރީޓް މޮނިއުމަންޓުގެ ބަދަލުގައި ބަގީޗާ މާކަމުދާނެ ކަމުގެ ނަތީޖާ ކަމަށެވެ.
“އާންމުން ނުރުހުން ފާޅުކުރުމުން ހުޅުމާލޭގެ ރައުންޑްއަބައުޓްތަކުގެ ތެރޭގައި ކޮންކްރީޓް ބިނާތައް އެޅުމުގެ ޕްލޭން އަލުން މުރާޖައާ ކުރިން. މިއަދު އަޅުގަނޑުމެން ޕައިލެޓް ރައުންޑްއަބައުޓް އައިލެންޑްގެ ގްރީންސްކޭޕިންގ ނިންމާލީ،” އަޙްމަދު އިބްރާހިމް ވިދާޅުވިއެވެ.
މި ޕްރޮޖެކްޓްގެ ދަށުން ރައުންޑްއެބައުޓްތަކުގައި އިންދާފައިވާ ގަސްތައް ހެދި ބޮޑުވެ، މާފޮޅޭ ހިސާބަށް ދިއުމުން އިތުރަށް ރީތިވެގެންދާނެ ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ. މި ބަދަލަކީ ހުޅުމާލެ އިތުރަށް ޒީނަތްތެރިކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ތަރައްގީ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މީގެ ކުރިން އެޗްޑީސީން ވަނީ ހުޅުމާލޭގެ 17 ސަރަހައްދެއްގައި މޮނިއުމަންޓް ބެހެއްޓުމަށް ޑިޒައިން މުބާރާތެއް ބާއްވާފައިވުމެވެ. އެ މުބާރާތަށް ހަތް ހުށަހެޅުމެއް ލިބުނު ނަމަވެސް، އާންމުންގެ ޚިޔާލަށް އިޙްތިރާމްކޮށް، އެޗްޑީސީން ވަނީ މުޅި ޕްލޭން އަލުން މުރާޖައާކޮށް، ކޮންކްރީޓް މޮނިއުމަންޓްގެ ބަދަލުގައި ގަސްގަހާގެހި އިންދުމަށް ނިންމާފައެވެ.

