ތ. އަތޮޅު ވިލުފުށީ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައިގައި ހައްޔަރުކުރެވުނު 66 އަހަރުގެ ފިރިހެން މީހާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުންގެ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރެވިފައިވަނީ ތ. ވިލުފުށި، ރޭނިގެ މުހައްމަދު އަބްދުލް ގާދިރު (66 އަހަރު) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައިވެއެވެ.
މި މައްސަލައަކީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ދަންވަރު 12:05 ހާއިރު، ވިލުފުށީ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ އެއްޗެހިތަކެއް އަޅާފައިވާކަން ފުލުހުންގެ ސަމާލުކަމަށް އައިސްގެން ތަޙުޤީޤުކުރަމުންދާ މައްސަލައެކެވެ.
ފުލުހުން މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދާ ކަމަށް އެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

