ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ އިސްވެރިންގެ ދަޢުވަތަކަށް ކުރެއްވި ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ.
މި މަހުގެ 10 އިން 14 އަށް ކުރެއްވި މި ދަތުރުފުޅަކީ އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ލޮކް ސަބާގެ ރައީސްއާއި މަތިގެ ކަމަށްވާ ރާޖްޔަ ސަބާގެ ޗެއަރމަންގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މަޖިލިސް ރައީސް ވަނީ ލޮކްސަބާގެ ރައީސް އޯމް ބިރްލާއާ ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
ލޮކްސަބާގެ ރައީސްއާއެކު ބޭއްވެވި ބައްދަލުވުމުގައި، އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގައި ޓެކްނޮލޮޖީގެ ވަޞީލަތްތަކާއި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރާ ގޮތް މަޖިލިސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ޑިޖިޓައިޒްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މިކަމަށް ލޮކްސަބާގެ ރައީސް ވަނީ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެއިތުރުން، މަޖިލިސް ރައީސް ވަނީ އިންޑިޔާގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއަރމަން ޝްރީ ޖަގްދީޕް ދަންޚާރުއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މައްޗަށް މަޝްވަރާކުރެވުނެވެ.
މި ދަތުރުފުޅުގައި މަޖިލިސް ރައީސާއެކު ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއާއި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދާއި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާނާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދާއި ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބްގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތަށް އިތުރުކުރުމަށް މަޝްވަރާކުރެވި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެން ދިޔައެވެ

