ސާފުތާހިރުކަމުގެ ރީތި އާދަތައް އަށަގެންނެވުމަށާއި، ޖެހުނު ކޮންމެ ތަނަކަށް ކުނި އުކާލުމުގެ ބަދަލުގައި ޑަސްބިންތަކަށާއި، ކުނި އަޅަން ޚާއްޞަ ތަންތަނަށް ކުނި އެޅުމުގެ އާދަ އަށަގަންނަވަން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ “ރޯދަ ސާފު” ޙަރަކާތާ ގުޅިގެން ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މާލެއާ އެއްފަދައިން އަތޮޅުތެރޭގައި ހުރި ޕަބްލިކް ވާރކްސް ޔުނިޓުތަކުންނާއި، ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވެސް މި ޙަރަކާތުގައި ވަރަށް ފޯރީގައި ބައިވެރިވަމުންދެއެވެ.
ދިވެހިންގެ ސަޤާފަތުގައި އެވޭލާ ޒަމާނުން ފެށިގެން ރޯދަމަހަށް ގޯތިގެދޮރު ސާފުކޮށް، އާބާތުރަ ފިލުވުމަކީ ކުރަމުން އަންނަ ރީތި އާދައެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން މިއަދު މާލޭގައި ކުރިއަށްގެންދާ “ރޯދަ ސާފު” ޙަރަކާތުގައި ނޭޝަނަލް ޕްލޭނިންގ މިނިސްޓްރީއާއި، ދިވެހިބަހާއި ސަޤާފަތާ ބެހޭ ވުޒާރާގެ އިތުރުން ވަރަށް ގިނަ މުއައްސަސާތަކުން ބައިވެރިވެފައިވާ ކަމަށް ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މި ޙަރަކާތުގައި ބައިވެރިވެލެއްވި އެންމެހައި ފަރާތްތަކަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ޙަރަކާތްތަކަކީ މުޖުތަމަޢުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމުގައި ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

