މިފްކޯއިން މިއަދު މަސްވެރިންނަށް 5.8 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މިއީ މި މަހުގެ 13 ވަނަ ދުވަހު މިފްކޯގެ ސެންޓަރުތަކަށް 53 މަސްދޯނިން ކިރާފައިވާ މަހަށް ދޫކުރި ފައިސާއެވެ.
މިފްކޯއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ފައިސާ މިއަދު ހެނދުނު 10:30 އާއި 12:30 އާ ދެމެދު މަސްވެރިންގެ އެކައުންޓުތަކަށް ޖަމާކުރެވިފައިވެއެވެ. އަދި އެހެން ބޭންކްތަކަށް ކުރަންޖެހޭ ޓްރާންސްފަރތައް ޖެހިގެން އަންނަ ބޭންކިންގ ދުވަހު ހަވީރު 4:30 ގެ ކުރިން ކްލިއަރ ކުރެވޭނެ ކަމަށް މިފްކޯއިން ވަނީ ހާމަކުރައްވާފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މިފްކޯއަށް ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ ސިޔާސަތު މިހާރު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
މީގެއިތުރުން، މި ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން، މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިގޮތުން ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައިވާކަން ފާހަގަކުރެވެއެވެ.

