ބަރަކާތްތެރި ރަމަޟާން މަހަށް މާލެ ސިޓީ ސާފުކުރުމުގެ މަސައްކަތްތައް ފަށައިގެން ކުރިއަށްދާއިރު، މަސައްކަތުގެ ތެރެއިން މަގުމަތީގައި ބޭނުންނުކޮށް ބަހައްޓާފައި ހުންނަ ގިނަ ދުވަސްވެ ބާވެފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި މަސައްކަތަކީ ރަމަޟާން މަހަށް މާލެ ސިޓީ ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެކެވެ.
މިއަދު ކުރިއަށްދާ ސާފުކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި “އީގަލްސް ކޮމިއުނިޓީ- އެންމެން އެކުގައި ސާފުކުރަމާ” ގެ ނަމުގައި މާފަންނު ސާފުކުރުމުގެ ހަރަކާތާއި، “ރޯދަ ސާފު” ގެ ނަމުގައި މާލެ ސާފުކުރުމުގެ ހާއްސަ ހަރަކާތް ހިމެނެއެވެ. މި ދެ ހަރަކާތުގައި ވެސް މާލެ ސިޓީ ކައުންސިލުން ބައިވެރިވެއެވެ.
މި ހަރަކާތުގެ ދަށުން މާލޭގެ ފަސް ސަރަހައްދެއް ސާފުކުރުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައެވެ.
މީގެ އިތުރުން، ހުޅުލެ ސާފުކުރުމުގެ މަސައްކަތް އެމްއޭސީއެލްގެ ފަރާތުން ކުރިއަށް ގެންދާކަން ވެސް ފާހަގަކުރެވެއެވެ.

