ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ. މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ސާފުކުރުމަށްފަހު، 24 ވަނަ ދުވަހު އަގު ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
ކައުންސިލުން ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ދެވިފައިވަނީ ހަމައެކަނި ދިވެހި ކުންފުނިތަކަށާއި، ޕާޓްނަރޝިޕްތަކަށާއި، ލޯކަލް އިންވެސްޓްމަންޓްތަކަށާއި އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.
މި އިއުލާން ކުރެވިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ރަސްފަންނާއި ސަލްޓަން ޕާކަށް ޒިޔާރަތްކުރައްވައި، އެ ދެ ތަނުގެ ހާލަތާމެދު ކަންބޮޑުވުން ފާޅު ކުރެއްވުމަށް ފަހުގައެވެ. ރައީސް ޑރ މުޢިއްޒު ވިދާޅުވީ މި ދެ ތަނުގެ ރީތިކަން އަލުން ގެނެސްދެއްވާނެ ކަމަށެވެ.
ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ހަގު ދަރިކަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ދެ ތަނަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ކަމުގައިވީ ނަމަވެސް، އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައި ނުވާކަމުގެ ޝަކުވާ ގިނަ އާންމުން ކުރަމުން އައިސްފައިވެއެވެ.
ސަލްޓަން ޕާކާއި ރަސްފަންނު ތަރައްގީ ކުރައްވާފައިވަނީވެެސް އޭރުގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މޭސްތިރިކަމުގެ ދަށުންނެވެ. މި ދެ ތަނަކީ މާލޭގެ ތޮއްޖެހިފައިވާ މާޙައުލުގައި ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދިނުމަށް މުހިންމު ދެ ސަރަހައްދެވެ.

