ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމްކޮށްގެން ދުޅަހެޔޮ ސިއްހަތަކަށް އަހުލުވެރި ކުރުމުގެ ގައުމީ ކެމްޕޭނުގެ ދަށުން ހާއްސަ ހަރަކާތެއް މިރޭ ބާއްވަން ނިންމައިފިއެވެ.
މި ހަރަކާތް ކުރިއަށްދާނީ ރަށްދެބައި މަގުގައި ހުންނަ އެމްއެންޔޫގެ މައި މަރުކަޒުގައި މި ރޭ 8 އިން 10 އަށެވެ.
މި ހަރަކާތުގައި ބެހެއްޓޭ ސްޓޯލްތަކުން އެކި ދާއިރާތަކުގެ މުހިންމު މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް އެމްއެންޔޫއިން ވަނީ މަޢުލޫމާތު ދީފައެވެ. މީގެ ތެރޭގައި ގައިންގަޔަށް ނާރާ ބަލިތަކާއި އެ ބަލިތަކުން ރައްކާތެރިވުމުގެ ގޮތްތަކުގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލުން ދުރުހެލިވުމާ ގުޅޭ މާހިރުންގެ ލަފާ ހިމެނެއެވެ.
އަދި ހަމަ އެހެންމެ، ސިއްހަތަށް ފައިދާ ހުރި ކެއުމުގެ އާދަތަކާއި ކާނާގެ ރޭވުންތަކުގެ މަޢުލޫމާތުވެސް މި ހަރަކާތުން ލިބިގެންދާނެއެވެ. އަދި މަސައްކަތާއި ދިރިއުޅުމުގެ ހަމަހަމަކަން ދެމެހެއްޓުމާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ އުކުޅުތަކާއި، ދުވަހުގެ އާދަކާދައިގެ ތެރެއަށް ޖިސްމާނީ ހަރަކާތްތައް ހިމެނުމުގެ ފަސޭހަ ގޮތްތަކުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.
މި ހަރަކާތުގެ އެންމެ މުހިންމު އެއް ކަމަކީ، ބައިވެރިވާ ފަރާތްތަކަށް އަމިއްލަ ސިއްހަތު ބެލެހެއްޓުމަށް އެހީތެރިވެދޭ އަސާސީ ސިއްހީ ޗެކަޕްތައް ހިލޭ ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމެވެ.

