އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޢަރަބި ބަހުން ދިވެހި ބަހަށް ތަރުޖަމާކުރެވިފައިވާ ފޮތްތަކެއް ހޯދުމަށް އިޢުލާންކޮށްފިއެވެ. މި އިޢުލާނުގައި، އެ ވުޒާރާއިން އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ހަތަރު ފޮތް ތަރުޖަމާކޮށްފައިވާ ނުވަތަ ތަރުޖަމާ ކުރަމުންދާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
އެ ވުޒާރާއިން ދީފައިވާ މަޢުލޫމާތުގައި، މި ފޮތްތައް ތަރުޖަމާކުރައްވާފައިވާ ފަރާތްތަކަކީ، ދީނީ ވަޢުޒު ވިދާޅުވުމަށް އެ ވުޒާރާއިން ހުއްދަ ދީފައިވާ ޢިލްމުވެރިން ކަމުގައިވާންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކޮށް، މަޢުލޫމާތު ސާފުކުރުމަށްފަހު އެ ވުޒާރާއަށް އަންދާސީ ހިސާބު ހުށަހެޅުމަށްވެސް އެދިފައިވެއެވެ.
މި ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް، ބިޑަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފެބުރުވަރީ 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް އެ ވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ.
މި މަސައްކަތާ ގުޅޭ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ފެބްރުވަރީ 24 ވާ ހޯމަ ދުވަހުގެ 11:00 ގައި ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

