މިއަހަރު މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް 27.4 އިންސައްތަ އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން ޗައިނާއިން ރާއްޖެއަށް ވަނީ 52،107 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި މުއްދަތުގައި މިދިޔަ އަހަރު ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 40،892 ފަތުރުވެރިންނެވެ. އެހެންކަމުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 27.4 އިންސައްތަ އިތުރު އަދަދެކެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމަށް ނިމިދިޔަ 2024 ވަނަ އަހަރު ވެގެންގޮސްފައިވާއިރު، 2023 ވަނަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް 3 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 318،190 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މީގެ ތެރޭގައި ރަޝިޔާ، އިނގިރޭސިވިލާތް، އިޓަލީވިލާތް، އަދި ޖަރުމަންވިލާތުގެ ފަތުރުވެރިން ގިނަ އަދަދަކަށް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. އެގޮތުން:
– ރަޝިއާ – 30،560 ފަތުރުވެރިން
– އިންގިރޭސިވިލާތް – 29،792 ފަތުރުވެރިން
– އިޓަލީވިލާތް – 28،554 ފަތުރުވެރިން
– ޖަރުމަންވިލާތް – 18،947 ފަތުރުވެރިން
މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ 294،923 ފަތުރުވެރިންނާ އަޅާ ބަލާއިރު 7.9 އިންސައްތައިގެ އިތުރުވުމެއްކަން ފާހަގަކޮށްލެވެއެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާއިރު، ސަރުކާރުން މިއަހަރަށް 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒު ހިފާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

