ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ "5 މިލިޔަން ގަސް" ޕްރޮގްރާމްގެ ދަށުން މިއަހަރު 2 މިލިޔަން ގަސް އިންދުމަށް އަމާޒު ހިފާފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ބޭއްވި "އަހާ ފޯރަމް"ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ޕްރޮގްރާމަކީ ރާއްޖޭގެ ރަށްތައް ފެހިކޮށް ރައްކާތެރި ވެއްޓެއް ޤާއިމުކުރުމަށް ފަށާފައިވާ މަޝްރޫޢެއްކަމަށެވެ.
މި ޕްރޮގްރާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޚާއްސަ އެޕްލިކޭޝަނެއް ތައްޔާރުކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މި އެޕްލިކޭޝަނުން ގަސް އިންދި ތަނާއި، ގަސް އިންދި ފަރާތްތަކުގެ މަޢުލޫމާތު ފެންނަން ހުންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއަހަރުވެސް މިބަލަނީ އެއް މިލިއަނަށްވުރެ ގިނަ ގަސް އިނދުމަށް. ޓާގެޓަކީ 2 މިލިއަން ގަސް އިންދުން މިއަހަރުގެ ތެރޭގައި. 5 އަހަރުވާއިރު 5 މިލިއަން ގަސްއިންދިގެންދާނެ އިރާދަކުރެއްވިއްޔާ،" ވަޒީރު ޠާރިޤު ވިދާޅުވިއެވެ.
2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ފެށި މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 450,000 ގަސް އިންދާފައިވާއިރު، 4 މިލިޔަން ގަސް އިންދުމަށް ވަނީ ޕްލެޖްކޮށްފައެވެ. އަދި މި ޕްރޮގްރާމްގެ ދަށުން 90 ބާވަތެއްގެ ގަސް އެތެރެކޮށް އިންދުމުގެ ފުރުޞަތު ސަރުކާރުން ވަނީ ހުޅުވާލާފައެވެ.

