ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިމާރާތްތަކަށާއި، އާންމު ތަންތަނަށް ފަސޭހައިން ވަދެވޭނެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދިން "އަހާ"ގެ 4 ވަނަ ފޯރަމްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، މިހާރުވެސް ބައެއް އިމާރާތްތަކާއި ޕާކުތަކާއި މައިޒާންފަދަ އާންމު ތަންތަން ހަދާފައި ހުންނަ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެތަންތަނަށް ވަދެނިކުތުމުގައި ދަތިތަކަކާއި އުނދަގޫތަކެއް ހުރިކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުހިންމު ނިންމެވުންތަކެއް ނިންމަވާފައިވާ ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.
"ރައީސް ޑރ. މުޢިއްޒު ނިންމަވައި އަންގަވާފައިވަނީ މިހާރު ހަދަމުންދާ ހުރިހާ އިމާރާތެއްވެސް، އަދި ރައްޔިތުން ޒިޔާރަތްކުރާ ޕާކުތައްވެސް ވީލްޗެއަރސް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަދެވޭގޮތަށް ޕްލޭންތައް ހެދުމަށް. އަދި ހެދިފައިހުރި ޢިމާރާތްތަކަށްވެސް އެބަދަލު ގެނައުމަށް އަންގަވާފައިވަނީ،" ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މާލޭގެ އިތުރުން އަތޮޅުތަކުގައި ވެސް މި ބަދަލުތައް ގެންނަމުންދާނެ ކަމަށެވެ. އަތޮޅުތަކުގެ ރަށްރަށުގައި ހުރި އިމާރާތްތަކަށް ވަދެ ނިކުތުމުގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދަތިކަން ދިމާވާކަމުގެ ޝަކުވާ ލިބެމުންދާކަމަށް ފާހަގަކުރައްވައި، ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން މިކަމަށް ހައްލު ގެންނަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް މިހާރަށްވުރެ ބޮޑަށް، ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން ޙިމާޔަތްކޮށް އެމީހުންނަށް ބޭނުންވާ ޚިދުމަތްތައް ކަށަވަރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލާފައިވާއިރު މިހާތަނަށް 13,000 އަށްވުރެ ގިނަ ފަރާތުން ވަނީ މިދަފްތަރުގައި ރަޖިސްޓްރީވެފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.
މި މަސައްކަތަކީ މުޖުތަމަޢުގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ އެއްބަޔަކަށްވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުގެ އެކި މުއައްސަސާތަކާއި އިދާރާތަކުން ލިބެންޖެހޭ ޚިދުމަތްތައް ހޯދުމުގައި ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ބައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ބަދަލުތައް ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި ކަމާބެހޭ އެހެނިހެން ފަރާތްތަކާއެކު މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

