ޒަމާން ބަދަލުވެއްޖެއެވެ. ދުނިޔޭގެ އޮޔާއި ވަޔާއެކު ވަގުތުގެ ހަލުވި ދުވެއްޔާއެކު ތަރައްގީގެ ކުލަތައް ގަދަވެ، ތަހުޒީބުގެ އަސަރު އެންމެންގެ ދިރިއުޅުމަށްވެސް ބާރު ފޯރުވައިފިއެވެ. ސައިންސާއި ޓެކްނޮލޮޖީ ކުރިއަރައި ގޮސް އެތައް ކަމެއްގެ ހައްލު ހޯދައިދީފިއެވެ. އަންހެނުން ބަދިގެއާއި ގޭތެރޭގެ ހަތަރުފާރުން އެތެރޭގައި ތިބެގެން އަދި ބޭރަށް ނުކުމެ، ވައިރޯޅިއަށްވުރެ ހަލުވި މިނުގައި ކާމިޔާބު ހޯދައި ފިރިހެނުންނަށްވުރެ ކަންކަމުގައި ކުރިވެސް ހޯދައިފިއެވެ. ފިރިހެނުންނަށް ވުރެ ކުރިއަށް ޖެހުނޭ ބުނަން ޖެހެނީ ގޭގެ ދިރިއުޅުމާއި ބޭރުގެ ވަޒީފާގެ މާހައުލުގައި އުޅެމުންދާއިރު ދެބައިވެސް ހަމަހަމަކަމާއެކު ބަލަހައްޓައި ދެބައިގެވެސް ޒިންމާ އަދާ ކުރާތީއެވެ.
ކަންތައްތައް މިހާ ބޮޑަށް ކުރިއަރައި ބަދަލުވެދިއުމާއެކުވެސް، އަދިވެސް މިއަދުވެސް އަންހެނުންގެ ވޭން އޮތީ އެމީހުންނާ ހަމައިން މަޑުޖެހިފައެވެ. އެމީހުންގެ ހިތާއި ނަފުސުގައި އަޅާ ވޭން ބައިބައިކޮށް އޯގާތެރިިވާ މީހުން މަދެވެ، އޭގެ ތެރެއިން ބޮޑު އެއް ގޮންޖެހުމަކީ ޕީސީއޯއެސް އެވެ. މިމައްސަލަ ދިމާވާ އަންހެނުންނަށް މިއީ ބޮޮޑު ގޮންޖެހުމެކެވެ. ހަޔާތުގެ ބައިވެރިޔާ އާއި ގާތް މީހުންގެ ފަރާތުން އޯގާތެރިކަން ނުލިބިއްޖެނަމަ އެއަންހެނަކަށް ދިރިއުޅުން ވޭންހުރި ބުރައަކަށް ވާވަރުގެ ތަކުލީފަކަށް ޕީސީއޯއެސް ވެދެއެވެ. ބައެއް އަންހެނުން ނަސީބުވެރިންނަށް ވިޔަސް އަދިވެސް ދުނިޔެ މިފަދަ ކަންކަމުގައި ގިނަ އަންހެނުންނާމެދު ދެކޭ ގޮތް ވަރަށްވެސް ތަފާތެވެ.

ޕީސީއޯއެސް، އަންހެނުންނަށް ގޮންޖެހުން ބޮޑު، ވޭނީ ރިހުމެއް، އޯގާތެރިވެ، ލޯތްބާއި އަޅާލުން ދޭށެވެ!/ ފޮޓޯ:އައިސްޓޮކް
ފަތިސްތަރިން މިއަދު މިބަލާލަނީ ޕީސީއޯއެސް އަށެވެ.
ޕީސީއޯއެސް؛ ޕޮލިސިސްޓިކް އޯވަރިއަން ސިންޑްރޯމް އަކީ އަންހެނުންގެ ހަށިގަނޑުގެ ހޯމޯން ބެލެންސް ނުވުމުގެ ސަބަބުން، ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުތަކެއްގެ ދިމާވާ ވަރަށް އާންމު ބައްޔެކެވެ. މިއީ އަންހެނުންގެ ދިރިއުޅުމުގެ އެކި ދާއިރާތަކަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާ، އަންހެނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުތަކެއް ކުރުވާ ބައްޔެކެވެ.
ޕީސީއޯއެސްގެ މައިގަނޑު އަލާމާތްތައް: މި ބައްޔާ ގުޅިގެން އަންނަ އެންމެ އާންމު އަލާމާތްތަކުގެ ތެރޭގައި ޕީރިއަޑް މައްސަލަތައް، ކަރުދަށާއި ކިހިލިފަތްދޮށުގައި އިސްތަށި ގިނަވުން، އަދި އޯވަރީގައި ސިސްޓު އުފެދުން ހިމެނެއެވެ. މީގެ އިތުރުން، ބަރުދަން އިތުރުވުމާއި، މޫނުމަތީގައި ބިހި ނެގުން، އަދި ބޮލުން އިސްތަށި ފޭބުން ފަދަ މައްސަލަތައްވެސް ދިމާވެއެވެ.
ބަލި ދެނެގަތުމާއި ފަރުވާ: މި ބަލި ދެނެގަނެވެނީ ގިނަފަހަރު ޕީރިއަޑް މައްސަލަތަކާ ގުޅިގެން ޑޮކްޓަރަށް ދެއްކުމުން އެކި ބާވަތުގެ ޓެސްޓުތަކުގެ އެހީގައެވެ. މި ބައްޔަށް ސީދާ ފަރުވާއެއް ނެތްނަމަވެސް، އޭގެ އަލާމާތްތައް ކޮންޓްރޯލް ކުރެވިދާނެއެވެ.

ޕީސީއޯއެސް، އަންހެނުންނަށް ގޮންޖެހުން ބޮޑު، ވޭނީ ރިހުމެއް، އޯގާތެރިވެ، ލޯތްބާއި އަޅާލުން ދޭށެވެ!
ޕީސީއޯއެސްއަށް ސީދާ ފަރުވާއެއް ނެތްނަމަވެސް، މި ބަލި ކޮންޓްރޯލް ކުރެވިދާނެއެވެ. އެންމެ މުހިންމު ކަމަކީ ބަރުދަން ހުންނަންޖެހޭ މިންވަރުގައި ހިފެހެއްޓުމެވެ. މިކަމަށް ރައްކާތެރިވުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނެސް، ކެއުންބުއިމަށް ސަމާލުކަންދީ، ބަރުދަން ބެލެހެއްޓުމަކީ މުހިންމުކަމެކެވެ.
ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތައް: ޕީސީއޯއެސް ކޮންޓްރޯލް ކުރުމަށް އެންމެ މުހިންމު ކަމަކީ ބަރުދަން ހުންނަންޖެހޭ މިންވަރުގައި ހިފެހެއްޓުމެވެ. ކެއުންބުއިމަށް ސަމާލުކަން ދިނުމާއި، ކަސްރަތުކުރުން މުހިންމެވެ. ޚާއްޞަކޮށް ކާބޯހައިޑްރޭޓްސް މަދުކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. އެހެންކަމުން ގާތް މީހުން ބަލިމީހާއަށް އެހީވުމަށް، ޞިއްޙަތަށް ފައިދާ ހުރި ކާނާ ކެއުމަށް ހިތްވަރުދީ، އެކުގައި ކަސްރަތު ކުރުމަކީ ވަރަށް ބޮޑު އެހީއަކަށް ވެދާނެ ކަމެކެވެ.
ދަރިމައިވުމުގެ މައްސަލަތައް: ޕީސީއޯއެސް ހުރުމަކީ ދަރިން ނުލިބޭނެ ކަމެއް ނޫނެވެ. ފަރުވާކޮށްގެންނާއި ބަރުދަން ރަނގަޅު މިންވަރެއްގައި ބެހެއްޓުމުން ބަލިވެ އިނުމުގެ ފުރުސަތު އިތުރުވެއެވެ. ނަމަވެސް މާބަނޑު ދުވަސްވަރު ހަކުރު އަދި ލޭ މައްޗަށް ދިއުމުގެ ފުރުސަތު ބޮޑުވާތީ، ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.
ޕީސީއޯއެސްގެ ސަބަބުން ދިމާވާ އެހެނިހެން މައްސަލަތަކުގެ ތެރޭގައި ބަރުދަން ލުއިކުރަން އުނދަގޫވުން، މޫނުމަތީގައި ބިހި ނެގުން، އަދި ބޮލުން އިސްތަށި ފޭބުން ހިމެނެއެވެ. މީގެ އިތުރުން، ޕީރިއަޑްގެ ތަދު ލުއިކުރުމަށް ހޫނުފެން ހަމެއް ބޭނުންކުރުމާއި ކަސްރަތުކުރުން އެހީވެދާނެއެވެ.

ޕީސީއޯއެސް، އަންހެނުންނަށް ގޮންޖެހުން ބޮޑު، ވޭނީ ރިހުމެއް، އޯގާތެރިވެ، ލޯތްބާއި އަޅާލުން ދޭށެވެ!
އާއިލާގެ އެހީތެރިކަމުގެ މުހިންމުކަން: ޕީސީއޯއެސް ހުންނަ އަންހެނުންނަށް އާއިލާގެ އެހީތެރިކަމާއި ފިރިމީހާގެ ބައިވެރިވުން ވަރަށް މުހިންމެވެ. މި ބަލީގެ ސަބަބުން ކުރިމަތިވާ ނަފްސާނީ އަދި ޖިސްމާނީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ލޯބިވާ މީހުންގެ އެހީތެރިކަމަކީ ވަރަށް މުހިންމު ކަމެކެވެ. ޑޮކްޓަރަށް ދެއްކުމުގައި އާއިލާގެ މެންބަރުން ނުވަތަ ފިރިމީހާ އެކުގައި ދިއުމަކީ މިބަލި ތަހައްމަލުކުރާ އަނބިމީހާއަށް ހިތްވަރު ލިބި، އަދި ބަލީގެ ތަފްސީލުތައް ރަނގަޅަށް ދެނެގަތުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރުން، ފަރުވާގެ ޕްލޭން ރޭވުމުގައި ވެސް އާއިލާގެ ބައިވެރިވުން މުހިންމެވެ.
ޕީސީއޯއެސްއަކީ އަންހެނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑު އަސަރެއް ކުރާ ބައްޔެކެވެ. ނަމަވެސް، ރަނގަޅު ފަރުވާއާއެކު، ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުން މި ބަލީގެ އަސަރުތައް ކުޑަކުރެވިދާނެއެވެ. މި ބަލި ހުރި އަންހެނުންނަށް އާއިލާއާއި ލޯބިވާ މީހުންގެ އެހީތެރިކަމާއި އަޅާލުން ވަރަށް މުހިންމެވެ. އެއީ ވެސް ފަރުވާގެ މުހިންމު ބައެކެވެ.
ޕީސީއޯއެސްއަކީ އެއްކޮށް ރަނގަޅުވާނެ ކަހަލަ ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. ނަމަވެސް އެކަމުން ދިމާވާ މައްސަލަތައް ލުއިކުރެވިދާނެއެވެ. އަމިއްލަ ނަފުސަށް އިތުބާރު ގެއްލި، ހިތްދަތިވެ، ކަންބޮޑުވުމާއި ކުރިމަތިލާން ޖެހޭ ހާލަތްތަކުގައި، އަދި ހަމައެހެންމެ މި ބަލި ކޮންޓްރޯލް ކުރުމަށްވެސް ޞިއްޙީ ފަރުވާގެ އިތުރުން، އާއިލާއާއި ލޯބިވާ ގާތް މީހުންގެ އެހީތެރިކަމާއި އަޅާލުން ވަރަށް މުހިންމެވެ. އެހެންކަމުން، މި ބަލި ހުންނަ އަންހެނުންނަށް އެހީތެރިވެ، އެމީހުންނަށް ބޭނުންވާ އެހީތެރިކަމާއި ލޯތްބާއި އޯގާތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެކެވެ.

