މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޗީފް އޮޕަރޭޓިންގ އޮފިސަރު (ސީއޯއޯ) ގެ މަޤާމަށް ނޫސްވެރިކަމުގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ ސިނާން އަލީ އައްޔަނުކޮށްފި އެވެ.
ސިނާން، އެ ކުންފުނީގެ ސީއޯއޯގެ މަޤާމާ ޙަވާލުވެވަޑައިގެންފައިވަނީ މީގެ ހަފްތާއެއް ކުރިންނެވެ.
ސިނާން އަލީއަކީ ކުރިން ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އެމްޓީސީސީގެ ބޯޑުގައި މަސައްކަތްކުރެއްވި އެވެ. ހަމައެހެންމެ 2014 އިން 2016 އާ ހަމައަށް ވެސް އެމްޓީސީސީގެ ބޯޑު މެންބަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވާ ސިނާން ވަނީ ސްޓެލްކޯގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ނޫސްވެރިކަމުގެ ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ، އެ ދާއިރާއިން ގައުމީ އިނާމު ހާސިލްކުރައްވާފައިވާ ސިނާން ވަނީ ސިނާން އަލީ ވަނީ އެންޖެލާ ރަސްކިން ޔުނިވަރސިޓީ، ލަންޑަނުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ. އަދި އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމް، ޗެންނައި، އިންޑިއާއިން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން ޖާނަލިޒަމް ހާސިލުކުރައްވާފައެވެ.
މީގެ އިތުރުން ކޯޕަރޭޓް ގަވަރނަންސް، ފައިނޭންސް، ރިސްކް، އޯޑިޓް އަދި މެނޭޖްމަންޓްގެ ދާއިރާތަކުން ބޭރުގެ އެކި މުއައްސަސާތަކުން ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިވާ ސިނާން އަލީ އަކީ މޯލްޑިވްސް އެޑިޓަރސް ގިލްޑްގެ ނައިބު ރައީސްވެސް މެއެވެ.

