ބަރަކާތްތެރި ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އެޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަ މާހެފުމެއް ބޭއްވުމަށް ނިންމައިފިއެވެ.
ބެންކޮކްގައި ހުންނަ ދިވެހި އެމްބަސީން ބުނީ މި މާހެފުމުގެ މައިގަނޑު މަޤްޞަދަކީ ތައިލެންޑްގައި ދިރިއުޅޭ ދިވެހިން އެއްތަނަކަށް ޖަމާވެ، އެކުވެރިކަމާއެކު ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ. މި މާހެފުމުގައި ބައިވެރިވުމުގެ ދަޢުވަތު ތައިލެންޑްގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ފުއާދު ތައުފީޤުގެ ފަރާތްޕުޅުން އެޤައުމުގައި ދިރިއުޅޭ އެންމެހާ ދިވެހިންނަށް ވަނީ އަރުވާފައެވެ.
މި މާހެފުން ކުރިއަށްދާނީ ހަބޭސް ބޮޑުބެރު ގްރޫޕްގެ ހުށަހެޅުންތަކާއެކުގައެވެ. އަދި މި ހަފްލާގައި ތައިލެންޑްގައި ދިރިއުޅުއްވާ ވީހާވެސް ގިނަ ދިވެހިން ބައިވެރިވުމަކީ ސަފީރު ފުއާދު ވަރަށްބޮޑަށް އެދިވަޑައިގަންނަވާ ކަމެއްކަން އެމްބަސީން ވަނީ ފާހަގަކުރައްވާފައެވެ.
މި މާހެފުން ބޭއްވުމަށް ހަމަޖެހިފައިވަނީ ބެންކޮކްގެ ދަ މެޓް ކޮންޑަމީނިއަމްގެ 9 ވަނަ ފަންގިފިލާގައި މާދަމާ ހަވީރު 16:00 އިން 18:00 އަށެވެ. އެމްބަސީން ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިންވެސް ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ދިވެހިންނަށް ޚާއްސަކޮށް ރޯދަ ވީއްލުންތަކާއި މާހެފުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

