ހުޅުމާލޭގެ ރައުންޑްއެބައުޓްސްތަކުގައި މޮނިއުމަަންޓްސްގެ ބަދަލުގައި ގަސް އިންދަން ފަށައިފިއެވެ.
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެ މަގާމުގައި ހުންނެވި ދުވަސްވަރު ރައުންޑްއެބައުޓްސްތަކުގައި މޮނިއުމަންޓްތައް ބެހެއްޓުމަށް ނިންމިނަމަވެސް، ފަޒުލް މަގާމުން އިސްތިއުފާ ދެއްވުމާއެކު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރކަމާއި އަލަށް ހަވާލުވެވަޑައިގެންނެވި މައުރޫފް ޖަމީލް ވަނީ ރައުންޑްއެބައުޓްސްތަކުގައި މޮނިއުމަންޓް ބެހެއްޓުމަށް ނިންމި ނިންމުން ބަދަލުކުރައްވާފަ އެވެ.
އެޗްޑީސީގެ (ސީއޯއޯ) އަހްމަދު އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައުންޑްއެބައުޓްސްތަކުގައި މޮނިއުމެންޓް ބެހެއްޓުމަަށް ނިންމި ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން އެއް ރައުންޑްއެބައުޓުގައި މިހާރު ގަސް އިންދާފައިވާ ކަމަށާއި އެ ގަސްތައް ރަނގަޅަށް ހެދި، މާ އެޅުމުން ތަނަށް އިތުރު ރީތި ކަމެއް އަންނާނެ ކަމަށްވެސް ވިދާޅުވެފައިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު މޮނިއުމަންޓް ޑިޒައިން ކުރަން މުބާރާތެއްވެސް ހުޅުވާލާ، އެއްވަނައަށް ދާ ޑިޒައިނަށް އެއްލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، އެ މުބާރާތުން އެއްވަނަ ދިޔަ މޮނިއުމަންޓް ޑިޒައިން އޭރު އާންމުވެސް ކޮށްފައިވެއެވެ. އެހެންނަމަވެސް އެ މަޝްރޫއު މަޑުޖައްސާލާފައިވާތީ އެ ފައިސާ ދޫކޮށްފައެއް ނުވާކަން ފާހަގަކޮށްލެވެއެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގެ 17 ސަރަހައްދެއްގައި މޮނިއުމެންޓް ބެހެއްޓުމަށް އޭރު ހަމަޖެހިފައިވެއެވެ.

