ރާއްޖޭގެ ޑޮމެސްޓިކް ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ފުރަތަމަ ފަހަރަށް ބޭއްވި "ރަށު އެކްސްޕޯ" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. "ޓްރެވެލް ގާއީޒް" އިން އިންތިޒާމްކޮށްގެން ބޭއްވި މި އެކްސްޕޯގައި ރާއްޖޭގެ 9 އަތޮޅަކުން 14 ރަށެއް ވަނީ ބައިވެރިވެފައެވެ.
ދަ ޓްރެވެލް ގާއިޒްގެ ޑިރެކްޓަރ ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވި ގޮތުގައި މި އެކްސްޕޯއަށް ވަރަށް ފުރިހަމަ ތަރުހީބެއް ލިބި، އެކްސްޕޯގެ މައިގަނޑު މަޤްޞަދުތައް ވަނީ ހާސިލުވެފައެވެ. "އަންނަ އަހަރު އިރާދަކުރެއްވިއްޔާ މިއަށް ވުރެއް ބޮޑަށް ގިނަ ހަރަކާތްތަކާއެކު ކުރިއަށް ގެންދާނީ. ދެން އަންނަ އަހަރުވެސް ހަމަ މި ދުވަހު އެކްސްޕޯ އޮންނާނެ. ދެން ރޯދަ މަހުގެ ކުރިއަށް ޖައްސާލާނީ،" އޭނާ ވިދާޅުވިއެވެ.

ފޮޓޯ/ރަށު އެކްސްޕޯ
ހުޅުމާލެ ސެންޓްރަލް ޕާކުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި އެކްސްޕޯގައި ރަށު ކައުންސިލްތަކާއި، ގެސްޓްހައުސްތަކާއި، ރިސޯޓުތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ 50 އަށްވުރެ ގިނަ ސްޓޯލް ބެހެއްޓިފައިވެއެވެ. މި ސްޓޯލްތަކުގައި ރަށްރަށުގެ ޚާއްސަ ކަންކަމާއި، ސަގާފަތާއި، ޚާއްސަ ކާބޯތަކެތި ވަނީ ދައްކާލާފައެވެ.
ޑރ. ސަނީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކައުންސިލްތަކުން މިކަމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށް، އަންނަ އަހަރުގެ އެކްސްޕޯއަށް މިހާރަށްވުރެ ބޮޑަށް ތައްޔާރުވުމަށް މަސައްކަތްކުރާނެ ކަމަށް ވަނީ އަންގަވާފައެވެ. އަދި މި އަހަރުގެ އެކްސްޕޯއަށް ލިބުނު ތަރުހީބަށް ބަލާއިރު، އަންނަ އަހަރުގެ އެކްސްޕޯ އިތުރު ހަރަކާތްތަކާއެކު މިއަށްވުރެ ފުޅާ ދާއިރާއެއްގައި ބޭއްވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ

