މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކުރި ޒުވާނާގެ އަތުން 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ވަނީ ފެނިފައެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ މއ. ހިތްތަލަވިލާ / މާލެ، މުހައްމަދު ކިޔާން އަހްމަދު ނާޒިމް (19 އަހަރު) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާލޭގެ ރެސްޓޯރަންޓެއްގެ ތެރެއިންނެވެ.
މި މައްސަލައިގައި ހައްޔަރުކުރި ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މިއީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގޭންގު ކްރައިމް އެންފޯސްމަންޓުގެ ފުލުހުން ހިންގި އޮޕަރޭޝަނެކެވެ. އަދި މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓުގެ އެހީތެރިކަމާއެކުގައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

