ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދުބާއީއަށް ވަޑައިގެންފިއެވެ.
ދުބާއީ އިން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެކްސްޕޯ 2020ގެ ރާއްޖެ ކޮންޓިންޖެންޓުގެ އިސްވެރިޔާއެވެ.
މޯލްޑިވްސް އެކްސްޕޯ 2020 އިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނނީ ދުބާއީގައި މާދަމާ ބާއްވަން ހަމމަޖެހިފައިވާ "ވޯލްޑް މަޖިލިސް" ގައި މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
މަޖިލީހުގެ ރައީސްގެ ހަށިކޮޅަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ހޯދުމަށްޓަކައި ނަޝީދު ވަޑައިގެންނެވީ އިގިރޭސި ވިލާތަށެވެ.
އޭގެފަހުގައި އެމަނިކުފާނު ރާއްޖެ ވަޑައިނުގަންނަވައެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންފިނަމަ ޖާނުން ފިދާވުމުގެ ހަމަލާއެއް ދީގެން ނަމަވެސް އެމަނިކުފާނަށް ހަމަލާ ދޭނެ ކަމަށް ފާޅުގައިވަނީ އިންޒާރުދީފައެވެ. އެހެންކަމުން އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ދުވަސްކޮޅަކު ރާއްޖެއިން ބޭރުގައި މަޑުކޮށްލަން އެމަނިކުފާނު ވަނީ މަޖިލީހުގައި ދަންނަވައިގެން ޗުއްޓީ އިތުރުކޮށްފައެވެ. އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ރައްޔިތުންގެ މަޖުލީހުގެ ރިޔާސަތު ބަލަހައްޓަވަނީ މަޖިލލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއެވެ.

