ދުންފަތުގެ އިސްތިއުމާލުކުރާ ބައިވެރިޔާއާއެކު އުޅުމުގައި ގެންގުޅެންވީ އުކުޅުތައް: ދުންފަތުގެ އިސްތިއުމާލުކުރުމަކީ މިހާރު ދިވެހި މުޖުތަމަޢުގައި ވަރަށް އާންމުވެފައިވާ ކަމެކެވެ. ނިސްބަތުން ބަލާއިރު ފިރިހެނުން ގިނަ ނަމަވެސް މިފަހަކަށް އައިސް މި ނުރަނގަޅު އާދަ ހަރުލާފައިވާ އަންހެނުން ގިނަވަމުން އަންނަ ކަމީ ހިތާމަހުރި ހަގީގަތެކެވެ.
ސިއްހީ ގޮތުން ތިމާގެ ބައިވެރިޔާ ސަލާމަތުން ދުޅަހެޔޮކޮށް ހުރުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ، އެހެންކަމުން މިނުރަނގަޅު އާދައިން ދުރުކުރުވުމަށް އެހީތެރިވުން މުހިންމެވެ. ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ފުއްޕާމޭގެ އެކި ބަލިތަކާއި ނޭވާލުމަށް ދިމާވާ ބަލިބައްޔާއި ކެންސަރުފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިކުރުވާ އަމަލަކަށް ވާތީއެވެ.
މިއަދުގެ ފަތިސްތަރީގައި ކުރު ގޮތަކަށް މިބަލާލަނީ، ދުންފަތުގެ އިސްތިއުމާލުކުރާ މީހަކާ އިނދެގެން އުޅޭއިރު ދިމާވާ ގޮންޖެހުންތަކާއި، އެކަމާ ކުރިމަތިލާނެ ގޮތްތައް، އަދި އެ އާދައިން ބައިވެރިޔާ ދުރުކުރުމަށް ކުރެވިދާނެ ބައެއް ކަހަލަ ކަންތައްތަކަށެވެ.

ދުންފަތާ ދުރުކުރުވުމަށް، ތިމާގެ ބައިވެރިޔާއަށް ކެތްތެރިކަމާއި، އޯގާތެރިކަމާއެކު އެހީތެރިވެދިނުން މުހިންމެވެ، / ފޮޓޯ:އައިސްޓޮކް
ދުންފަތުގެ އިސްތިއުމާލުކުރުމުން ކުރިމަތިވާ މައްސަލަތައް: ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ބައިވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ސިނގިރޭޓުގެ ނުބައި ވަހެވެ. މި ވަހުގެ އުނދަގޫ ވަނީ ހަމައެކަނި ސިނގިރޭޓު ބޯއިރަކު ނޫނެވެ. އޭގެ ވަސް ހެދުމުގައާއި، ގޭތެރޭގައާއި، އަދި އެމީހެއްގެ ހަށިގަނޑުގައިވެސް ހިފާފައި ހުރެއެވެ. މީގެ ސަބަބުން ބައިވެރިޔާއާ ގާތްވުމަށް ޖެހިލުންވުމަކީވެސް ބައެއް މީހުންނަށް ދިމާވެދާނެ ކަމެކެވެ.
އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން: ގިނަ ފިރިހެނުން އާންމު ތަންތަނުގައި ސިނގިރޭޓު ބުއިމަކީ އެމީހުންގެ ބައިވެރިންނަށް ލަދު އިހުސާސް ކުރުވާ ކަމެކެވެ. ބައެއްފަހަރު ތިމާގެ ޢާއިލާ ނޫނީ ރައްޓެހިންގެ ތެރޭގައި ކަންބޮޑުވުން އިހުސާސް ކުރުވަން ޖެހިދާ ހާލަތަކަށްވެސް މިކަން ވެދެއެވެ. ތިމާގެ ސިނގިރޭޓުނުބޯ އެކުވެރިންގެ މެދުގައި ލަދުވެތިވާން ޖެހޭ ފަދަ ކަމަކަށްވެސް ވެދާނެއެވެ. މިފަދަ ހާލަތެއް ދިމާވެދާނެތީވެ، އެކަން ބައިވެރިޔާއަށް ވިސްނައިދީ ބުނެދިނުން މުހިންމެވެ. އަދި އެގޮތަށް އެވާހަކަ ބުނެދޭއިރު ވީހާވެސް އޯގާތެރިކޮށް ވިސްނޭގޮތަށް ބުނެދިނުމަށް އިސްކަންދީ ސަމާލުވާން ވާނެއެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށްވެސް އޭގެ ސަބަބުން އުނދަގޫވެއެވެ. ޚާއްޞަކޮށް ކުޑަކުދިން ކައިރީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެއްގޮތަކަށްވެސް ރަނގަޅު އާދައެއް ނޫނެވެ.

ދުންފަތާ ދުރުކުރުވުމަށް، ތިމާގެ ބައިވެރިޔާއަށް ކެތްތެރިކަމާއި، އޯގާތެރިކަމާއެކު އެހީތެރިވެދިނުން މުހިންމެވެ، / ފޮޓޯ:އައިސްޓޮކް
ދުންފަތުގެ އިސްތިއުމާލުކުރާ ބައިވެރިޔާއާއެކު އުޅުމުގައި ގެންގުޅެންވީ ހައްލުތައް
- އެންމެ ފުރަތަމަ ކަމަކަށް ބައިވެރިޔާއާ ހުޅުވިގެންވާ މުޢާމަލާތެއް ކުރާށެވެ. ވީހާވެސް އޯގާތެރިކޮށް ވިސްނައިދޭށެވެ. އޭނާގެ މި އާދައިން ލިބޭ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ވާހަކަދައްކައި، އެކަމުން ދުރުހެލިވުމަށް ބާރުއަޅާށެވެ.
- ދުންފަތުގެ އިސްތިއުމާލުކުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަންނާށެވެ. ގިނަފަހަރު މިއީ ނަފްސާނީ ގޮތުން ދިމާވާ ޕްރެޝަރއެއްގެ ސަބަބުން ނުވަތަ ވަކި ހާލަތްތަކާ ގުޅިގެން ކުރާކަމަކަށް ވެދާނެއެވެ.
- ބައިވެރިޔާ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ބަދަލުގައި އެހެން ހެޔޮ ކަންކަމުގައި މަޝްޣޫލުވުމަށް ބާރުއެޅުމެވެ. މިސާލަކަށް ކަސްރަތުކުރުން ނުވަތަ ހިތްގައިމު ހޮބީއެއްގައި ހަރަކާތްތެރިވުމަށް އެހީތެރިވާށެވެ.
- ދުންފަތުގެ އިސްތިއުމާލު ހުއްޓާލުމަށް ޞިއްޙީ ފަރުވާ ހޯދުމަށް ހިތްވަރުދިނުމަކީވެސް މުހިންމު އެހީއަކަށް ވާނެއެވެ. ޑޮކްޓަރެއްގެ ލަފާގެ މަތިން އެކަމަށް ޚާއްޞަ ބޭސްތައް ބޭނުންކުރުމަކީވެސް ފައިދާހުރި ކަމަކަށް ވެދާނެއެވެ.
- ޗުއިންގަމް ކެއުމަކީވެސް ދިރާސާތަކުން ދައްކާ ގޮތުގައި ދުންފަތާ ދުރަށް ދިއުމަށް އެހީތެރިވެދޭ ކަމެކެވެ.
ދުންފަތުގެ އިސްތިއުމާލުކުރާ ބައިވެރިޔަކާއެކު އުޅުމަކީ ގޮންޖެހުންތަކެއް ހުރި ކަމެކެވެ. ނަމަވެސް ކެތްތެރިކަމާއި، އޯގާތެރިކަމާއެކު އެމީހަކަށް އެހީތެރިވެދީ، ރަނގަޅު މަގަށް އެޅުވުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. މިކަމުގައި ކާމިޔާބު ހޯދުމަށް ދެމަފިރިން ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

