އަންހެން ހެދުން އަޅައި ސިފަ ބަދަލުކޮށްގެން ވައްކަން ކުރަން އުޅުނު ކަމަށް ބުނާ ދެ ފިރިހެނަކު ރޭ ހައްޔަރުކޮށް ބަންދުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު ސަބާހް، 46، ލިލީގެ/ ގދ. ވާދޫ އަދި މުހައްމަދު ނައުޝާދު، 42، ސޯސަންގެ/ ނ. މިލަދޫ އެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި މި ދެ މީހުން ހައްޔަރުކުރީ މާލެ މާވެޔޮމަގު ކަންމަތީ ފިހާރައެއް ކައިރިންނެވެ. އަދި ހައްޔަރުކުރި އިރު ދެ މީހުން ވެސް ކޮންމެ ވެސް ވަރަކަށް ސިފަ ބަދަލުކޮށްގެން ތިބީ އަންހެން ހެދުން އަޅައިގެން ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
މި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުންދިނީ 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

