ހުޅުމާލޭ މުނިސިޕަލްގެ ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް ދަށަށް ބަދަލުކުރުމާއި ގުޅޭ ގޮތުން، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީޑީ) އާއެކު މަޝްވަރާތައް އަލުން ފަށައިފިއެވެ.
މިއަދު އެޗްޑީސީގައި ކުރިއަށް ދިޔަ މި މަޝްވަރާ ބައްދަލުވުމުގައި މާލެ ސިޓީ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ ހުޅުމާލެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގައި ޤާނޫނީ އެއް ވެސް ހުރަހެއް ނެތް ކަމަށާއި މިކަން ކޮޅެއްގައި ނުޖެހި ދިގު ދެމިގެންގޮސް، މާލެ ސިޓީ ކައުންސިލްގެ ދަށަށް މިކަން ބަދަލުވުން ލަސް ވަމުން ދިޔުމާއި ގުޅިގެން މޭޔާރ އާޒިމް ވަނީ ސުވާލު އުފައްދާ، ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.
އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ ބައެއްކަންކަން ހުރުމާއެކު، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރެވިދާނެކަމަށް އެޗްޑީސީގެ މިހާރުގެ އެމްޑީ މައުރޫފް ޖަމީލު ވަނީ ވިދާޅުވެފައެވެ.
ހުޅުމާލެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ސަރުކާރުން 2023 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު ނިންމިފަހުން، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ބޭއްވޭ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން މިއީ އެޗްޑީސީއާއެކު ބޭއްވޭ ހަތަރު ވަނަ މަޝްވަރާ ބައްދަލުވުންކަން ފާހަގަކޮށްލެވެއެވެ.

