ހަކުރަކީ މީހުންނަށް ހިތްހަމަޖެހުން ގެނެސްދޭ އެއްޗަކަށް ވާ ގޮތަކީ ނަފްސާނީ ގޮތުން އުނދަގޫވެފައި ތިބޭ ވަގުތުތަކުގައި ގިނަ ބަޔަކު މީރު އަދި ފޮނި ބާވަތްތަކުގެ ކާނާ ކެއުމުން ސްޓްރެސްފްރީ ވުމަށް އެހީހޯދައެވެ. ފޮނިރަހަ ގެނެސްދޭ މައިގަނޑު ކަމަށްވާ ހަކުރުގެ ސަބަބުން ވަގުތީގޮތުން ލިބޭ އުފަލާއި ހިތްހަމަޖެހުމުގެ އިތުރުން އަވަސް ހަކަތަ ލިބޭތީ ވަގުތީ ހިތްހަމަޖެހުމަށް ގިނަ މީހުންނަށް ސިއްހަތާމެދު ސަމާލުކަނެއް ނުދެވެއެވެ.
ދުވާލުގެ ވަގުތުތަކުގައި ރަނގަޅު ކާނާ ނުލިބޭ މީހުންނަށް ހަވީރު ނުވަތަ ރޭގަނޑުގެ ވަގުތުތަކުގައި ހަކުރަށް ދެވިހިފުމަކީ އާންމު ކަމެކެވެ. ގިނައިން ހަކުރު އަޅައިގެން ސައި ބުއިމާއި ހަކުރު އަޅައިގެން ފޮނިކާތަކެތި ހަދައިގެން ކެއުމަކީ އޭގެ ގެއްލުން އުމުރުދުވަހަށް އުފުލަން މަގުފަހިކޮށްފާނެއެވެ.
ހަކުރަށް ދެވިހިފުމަކީ އެކި ސަބަބުތައް އެކުލެވޭ ކަމެކެވެ. މީގެ ތެރޭގައި ޖިސްމާނީ އަދި ނަފްސާނީ ސަބަބުތަކާއި، އަދި ވަށައިގެންވާ މާހައުލުގެ ސަބަބުތައް ހިމެނެއެވެ. އެގޮޮތަކީ، ހަކުރު ހިމެނޭ ކެއިން ބުއިންތަކުން ސިކުނޑިން ޑޯޕަމިން އުފެދެއެވެ. މިއީ އުފަލާއި ހިތްހަމަޖެހުމާ ގުޅުންހުރި ކެމިކަލެކެވެ.

ހަކުރު: ފުރާނައަށް ނުރައްކާތެރި ވަޅުގަނޑެއް/ ފޮޓޯ؛ އެޑޯބް ސްޓޮކް
މީހަކު ހަކުރާއި ހަކަތައާ ދެމެދު ގުޅުމެއް އުފައްދައިފިނަމަ، އޭނާއަށް ނޭނގި ނަމަވެސް، އެކަމަށް ބަރޯސާވެވިދާނެއެވެ. މީހުން ހަކުރު ބޭނުންކުރަން ފަށަނީ ރުޅިވެރިކަމާއި، ހިތްދަތިކަމާއި، އެހެނިހެން ނޭދެވޭ އިހްސާސްތަކުން ސަލާމަތްވުމަށެވެ. މިހިސާބަށް ދިޔުމުން، ކެއުމުގެ އާދަތައް ކޮންޓްރޯލް ކުރުމަށް އުނދަގޫވެ، ހަކުރަށް ދެވިހިފުން ވަރުގަދަ ވެގެންދެއެވެ.
ހަކުރަކީ ހަށިގަނޑަށް ބޭނުންވާ ހަކަތައިގެ މުހިންމު މަސްދަރެއް ނަމަވެސް، މިއަދު ގިނަ މީހުން ހަކުރު ބޭނުންކުރާ މިންވަރު ވަނީ ނުރައްކާތެރި ހިސާބަށް އިތުރު ވެފައެވެ. މިއީ ޞިއްޙީ ގޮތުން ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމެކެވެ.
ހަކުރުގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތައް: ހަކުރުގެ މިންވަރު މަތި ކާނާ ގިނައިން ބޭނުންކުރުމުން ޓައިޕް 2 ޑައިބެޓީސް ޖެހުމުގެ ފުރުސަތު އިންތިހާއަށް އިތުރުވެއެވެ. މި ބަލި ޖެހުމަށްފަހު އެތައް ބައިވަރު އެހެނިހެން ބަލިތަކަށް މަގުފަހިވެއެވެ. މީގެ ތެރޭގައި ލޭ މައްޗަށް ދިއުން، ހާޓް އެޓޭކް، ސްޓްރޯކް އަދި ޕީސީއޯޑީ ފަދަ ނުރައްކާތެރި ބަލިތައް ހިމެނެއެވެ.

ހަކުރު: ފުރާނައަށް ނުރައްކާތެރި ވަޅުގަނޑެއް/ ފޮޓޯ؛ އެޑޯބް ސްޓޮކް
ހަކުރާއި ކެންސަރުގެ ގުޅުން: ދިރާސާތަކުން ދައްކާ ގޮތުގައި ހަކުރުގެ ސަބަބުން ހަށިގަނޑުގައި އިންފްލަމޭޝަން އިތުރުވެ، އިންސުލިން ރެސިސްޓެންސް އުފެދި، ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ޚާއްޞަކޮށް ފިރިހެނުންގެ ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެއެވެ.
ނަފްސާނީ އަދި ޖިސްމާނީ އަސަރުތައް: ހަކުރު ގިނައިން ކެއުމުން ޑިޕްރެޝަނަށް މަގުފަހިވެއެވެ. އަދި މިއީ ދޫކޮށްލަން އުނދަގޫ އާދައަކަށް ވެގެންދެއެވެ. މީގެ އިތުރުން، ހަކުރުގެ ސަބަބުން މޫނުގައި އޮށާޅަ ނެގުމުގެ ފުރުސަތު 80 އިންސައްތައަށް އިތުރުވެއެވެ. އަދި ޖިންސީ ބަލިކަށިކަން ފަދަ އެކި ބަލިތަކަށްވެސް ހުށަހެޅެއެވެ.

ހަކުރު: ފުރާނައަށް ނުރައްކާތެރި ވަޅުގަނޑެއް/ ފޮޓޯ؛ އެޑޯބް ސްޓޮކް
ހަކުރު މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް: ހަކުރު ގިނައިން ހިމެނޭ އެނާޖީ ޑްރިންކްސް، ފިޒީ ޑްރިންކްސް، ޕިއްޒާ، ސަބްމެރީން އަދި ބާގާ ފަދަ ތަކެތި ކެއުން މަދުކުރަންޖެހެއެވެ. މީގެ ބަދަލުގައި ޠަބީޢީ ކާނާ އިތުރުކޮށް، ގަވާއިދުން ކަސްރަތުކުރުން މުހިންމެވެ.
ކަސްރަތުގެ މުހިންމުކަން: ކަސްރަތުކުރުމަކީ އިންސުލިންގެ މަސައްކަތް ރަނގަޅުކޮށް، ހަކުރުގެ މިންވަރު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް އެހީވެދޭ ކަމެކެވެ. ގަވާއިދުން ކަސްރަތުކުރުމުން ފަލަވުމާއި، ލޭމައްޗަށް ދިއުމާއި، ކެންސަރު ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީވެދެއެވެ.
ހަކުރަކީ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މާއްދާއެއް ނަމަވެސް، މިހާރު ގިނަ މީހުން ހަކުރު ބޭނުންކުރާ މިންވަރު ވަނީ ނުރައްކާތެރި ހިސާބަށް ގޮސްފައެވެ. އެހެންކަމުން، ހަކުރު ބޭނުންކުރާ މިންވަރު މަދުކޮށް، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ.

