އިންޑިއާގެ ވެރިކަން ކުރާ ސިޓީ ކަމަށްވާ ނުއު ދިއްލީއަށް މިއަދު ފަތިހު 4.0 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފިއެވެ. މި ބިންހެލުން އައިސްފައިވަނީ ފަތިހު 5:36 ގައެވެ.
އިންޑިއާ ސަރުކާރުގެ ނޯޑަލް އެޖެންސީ، ނޭޝަނަލް ސެންޓާ ފޯ ސިސްމޮލޮޖީން ނެރުނު އަޕްޑޭޓެއްގައި ބުނެފައިވާ ގޮތުގައި، މި ބިންހެލުމުގެ އަޑީގައި ހުރީ އެންމެ ފަސް ކިލޯމީޓަރެވެ. އަދި އުތުރު އިންޑިއާގެ އެކި ހިސާބުތަކަށް ބިންހެލުމުގެ ހަރަކާތްތައް އިހުސާސް ކުރެވުނެވެ.
ނިއުސް އެޖެންސީ ޕީޓީއައިއަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވި ގޮތުގައި ބިންހެލުން އައިސްފައިވަނީ ދައުލާ ކުއާންގެ ދުރްގާބާއީ ދޭޝްމުކް ކޮލެޖް އޮފް ސްޕެޝަލް އެޑިއުކޭޝަން ކައިރިއަށެވެ. އަދި ބިންހެލުމާއެކު ބާރު އަޑެއް އިވުނު ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.
މި ސަރަހައްދަކީ ކޮންމެ ދެތިން އަހަރަކުން އެއްފަހަރު ކުދި މެގްނިޓިއުޑްގެ ބިންހެލުންތައް އަންނަ ސަރަހައްދެއް ކަމަށާއި، 2015 ވަނަ އަހަރު 3.3 މެގްނިޓިއުޑްގެ ބިންހެލުމެއް މި ސަރަހައްދަށް އައިސްފައިވާ ކަމަށް އޮފިޝަލުން ފާހަގަކުރެއްވިއެވެ.

