ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ ތެރެއިން މިއަންނަ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 6 ދުވަހުގެ ތެރޭގައި ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުގެ ޑެބިޓް ކާޑަށް އިތުރު 1500 އެމެރިކާ ޑޮލަރުގެ ލިމިޓެއް ދިނުމަށް އެ ބޭންކުން ވަނީ ނިންމާފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިމަހުގެ 10 ވަނަ ދުވަހު ނިންމެވި ނިންމެވުމެއްގެ ދަށުން ތަންފީޒުކުރާ ކަމެކެވެ. ބީއެމްއެލްއިން ބުނާ ގޮތުގައި މި އިތުރު ލިމިޓް ބޭނުންކުރެވޭނީ ހަމައެކަނި ސަޢުދީ ޢަރަބިއްޔާގައި ކަމަށާއި، ކޮންމެ ކަސްޓަމަރަކަށްވެސް މި ލިމިޓް ދޫކުރެވޭނީ އެންމެ ޑެބިޓް ކާޑަކަށެވެ.
ޢުމްރާ ގްރޫޕްތަކާއެކު ދަތުރުކުރާ ފަރާތްތަކަށް މިކަން ފަހިކޮށްދިނުމަށްޓަކައި، އަމަލުކުރަންވީ ގޮތުގެ ތަފްޞީލު ބޭންކުން ވަނީ ޢުމްރާ ގްރޫޕްތަކާ ހިއްސާކޮށްފައެވެ. އަދި ވަކިން ދަތުރުކުރައްވާ ޢުމްރާވެރިން، ފުރުމުގެ 5 ދުވަސް ކުރިން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީއާއި ޓިކެޓް ކޮޕީ ފޮނުވުމުން މި ލިމިޓް ހަމަޖައްސައިދެވޭނެއެވެ.
މީގެއިތުރުން، ޑެބިޓް ކާޑުތަކަށް މިހާރުވެސް މަހަކަށް ހަމަޖައްސާފައިވާ 250 އެމެރިކާ ޑޮލަރުގެ ލިމިޓް އޮންނާނެ ކަމަށާއި، ހުރިހާ ޢުމްރާވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް 500 އެމެރިކާ ޑޮލަރު ބޭންކުން ވިއްކާނެ ކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.

