މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަގާމަށް އައްޔަން ކުރެއްވި ތޯރިގު އިބްރާހީމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަތުރުވެރިކަމާބެހޭ ވުޒާރާއާއި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާ އެއްކުރައްވައި، އެ ވުޒާރާގެ ވަޒީރަކަށް ތޯރިގު މިމަހުގެ އެއްވަނަ ދުވަހު އައްޔަނުކުރައްވަފައިވާއިރު، ތޯރިގަށް ރުހުންދޭން ފާސްވީ ވޯޓު ދެއްވި 69 މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރު ތޯރިގާއި ބައްދަލުކުރައްވައި، ތިމާވެއްޓާއި ފަތުރުވެރިކަން ގުޅުވައި، މި ދާއިރާ ހަރުދަނާކޮށް، ރާއްޖެ އިޝްތިހާރުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.
ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީ އެއްކޮށްލާފައިވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިސަލް ޖެނުއަރީ 28 ވަނަ ދުވަހު މަގާމުން ވަކިކުރެއްވުމަށްފަހުގައެވެ. މި ދެ ވުޒާރާ އެއްކޮށްލުމުން މިހާރު ސަރުކާރުގެ ހުރި ވުޒާރާތަކުގެ އަދަދަކީ 20 އެވެ.

