ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ބ. މާރިކިލުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 9 މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނުގައި ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް 9 މީހުން ވަނީ ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައެވެ.
މި އޮޕަރޭޝަނަކީ މާރިކިލުގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު އަދި ބ. އަތޮޅު ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
ފެބްރުއަރީ 15 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. ޖަވާހިރުވާދީ، މާލެ، އަލްޙާން ރަޝީދު ޙުސައިން (49އ) އާއި ޏ. ފުވައްމުލައް / ދިގުވާނޑު، ހޮލެންޑް، މަރްޔަމް ރިފާޢު ( (25އ) އާއި ރ. އިނގުރައިދޫ / ވަފާ، ޢަބްދުލް މުޙްސިން ޙަސަން (65އ) އާއި ކުމަރެސަން ޗިންނައިއަ، އިންޑިއާ (20އ) އާއި ދިނޭޝް ސައްމިޔައްޕަން، އިންޑިއާ (29އ) އާއި އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް، ސްރީލަންކާ (39އ) އާއި ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ، ސްރީލަންކާ (46އ) އާއި މުޙައްމަދު މައްސޫދު، ބަނގުލަދޭޝް (46އ) އަދި ސަބެޝަން ނަހާރަޖަ، ސްރީލަންކާ (31އ) އެވެ. މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުންނެވެ.
މި އޮޕަރޭޝަނުގައި ކުރެވުނު ބަލައި ފާސްކުރުމުގައި 162 ދަޅު ބަނގުރާއާއި 5 ފުޅި ބަނގުރާގެ އިތުރުން، 12.8 ގްރާމްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ވަނީ ފެނިފައެވެ.
ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިނގުރައިދޫގެ ޢަބްދުލް މުޙްސިން ޙަސަން ވަނީ ޝަރުތުކޮށް ދޫކޮށްލާފައެވެ. އަދި އެހެން 8 މީހުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައެވެ. މި މައްސަލައިގެ ތަޙްޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

